އިސްރާއީލް މީހުން ރާއްޖެ ނުވަދެވޭކަން ކަށަވަރު، އިދިކޮޅުން މިއަށް އިހުތިރާމެއް ނުކުރޭ!
އިސްރާއީލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް، އެއްވެސް ޙާލަތެއްގައި ދިވެހިރާއްޖެއަށް އެތެރެނުވެވޭނެކަން އިމިގްރޭޝަންގެ އައު ބިލުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައި ވަނިކޮށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙްމަދު ނަސީމް އެ ބިލަށް ފާޑުވިދާޅުވުމުން، އެކަމުގެ ޙަޤީޤީ މަޤްޞަދާ މެދު ސުވާލު އުފެދިއްޖެއެވެ.
މި މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އައު އިމިގްރޭޝަން ބިލުގެ ތަފްޞީލުތައް ވަރަށް ސާފުކޮށް ހާމަކުރައްވާފައެވެ. ކުރިން ޤާނޫނުގައި އޮތް ގޮތުން އިސްރާއީލު ޕާސްޕޯޓު މަނާކޮށްފައިވަނީ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓާލަންދެން ކަމުގައި ވިޔަސް، ސަރުކާރުން މިހާރު ހުށަހަޅާފައިވާ އައު ބިލުގައި އެއްވެސް ޝަރުޠަކާ ނުލައި، ދާއިމީ ގޮތެއްގައި އިސްރާއީލު ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ އެތެރެވުން މަނާކުރެވޭނެކަން ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މީގެ އިތުރުން، ޑުއަލް ޕާސްޕޯޓު ނުވަތަ ދެ ޤައުމުގެ ރަށްވެހިކަން އޮންނަ އިސްރާއީލު މީހުންގެ ކަންކަންވެސް މޯލްޑިވްސް އިމިގްރޭޝަނުން ބަލައި ތަޙުޤީޤުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް، މިއަދު ރައްޔިތުންގެ މަޖިލީހުގައި އިމިގްރޭޝަން ބިލަށް ބަހުސްކުރައްވަމުން މެންބަރު މީކާއިލް ވަނީ ސަރުކާރުގެ މި ހުށަހެޅުމަށް ފާޑުވިދާޅުވެފައެވެ. މީކާއިލް ވިދާޅުވި ގޮތުގައި، މި ބިލު ފާސްވުމަށްފަހު އިސްރާއީލުގެ ޑުއަލް ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އައުން މަނާކުރުމަށް އޭނާ އިޞްލާޙެއް ހުށަހަޅުއްވާނެއެވެ. އަދި މި ބިލަކީ ރަސްމާލޭގައި ބޭރު މީހުންނަށް ރެސިޑެންސީ ދިނުމަށް މަގުފަހިކުރުމަށް ހުށަހެޅި ބިލެއް ކަމަށް ތުހުމަތުކުރައްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ މީކާއިލް ވަނީ އިންޒާރު ދެއްވާފައެވެ.
Ads by BMLސިޔާސީ މަސްރަޙު ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ދެކެވަޑައިގަންނަވާ ގޮތުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ އަދި ދާއިމީ ފިޔަވަޅުތަކަށް ދުނިޔޭގެ ސަމާލުކަން ލިބި، ރައްޔިތުންގެ ބޮޑު ތާއީދެއް ލިބެމުންދާ ދަނޑިވަޅެއްގައި، އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަވަނީ ސަރުކާރުގެ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގު ވައްޓާލައި، ސިޔާސީ މަންފާއެއް ހޯއްދެވުމުގެ ބޭނުމުގައެވެ. ޚާއްޞަކޮށް، އިސްރާއީލު މީހުންނަށް އެއްވެސް ޙާލަތެއްގައި ރާއްޖެ ނުވަދެވޭނެކަން ރައީސް ސާފުކޮށް ވިދާޅުވެފައިވަނިކޮށް، ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް މީކާއިލް ވާހަކަދެއްކެވުމަކީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ސަރުކާރުން ހުށަހަޅާފައިވާ އައު އިމިގްރޭޝަން ބިލުގެ މައިގަނޑު މަޤްޞަދަކީ މޯލްޑިވްސް އިމިގްރޭޝަނަކީ ސިވިލް ސަރވިސްއިން ވަކި ޚިދުމަތެއްގެ ގޮތުގައި ހަރުދަނާކޮށް، ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމާއެކު، އިސްރާއީލު ޕާސްޕޯޓު މަނާކުރުން ޤާނޫނީ ގޮތުން އެއްވެސް ޝަރުޠެއް ނެތި ދާއިމީ ކުރުމެވެ.
Ads by MACL
