ބަންކަރިންގ ވިޔަފާރިން ބޮޑު ކުރިއެރުމެއް؛ މި ޚިދުމަތުން ރާއްޖެއަށް 70 މިލިއަން ޑޮލަރު!
ބަންކަރިންގ ޚިދުމަތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރުވަމުން ގޮސް، މިހާތަނަށް އެ ވިޔަފާރިން ރާއްޖެއަށް 70 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ބަންކަރިންގ އަކީ އެސްޓީއޯއަށް ބޮޑު އާމްދަނީއެއް ލިބޭ މުހިންމު ވިޔަފާރިއަކަށް ވެފައިވާ ކަމަށާއި، މި ޚިދުމަތް ރާއްޖޭގައި ތަޢާރަފުކުރުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ކުރިން މި ވިޔަފާރީގެ ފައިދާ ބޭރުގެ ފަރާތްތަކަށް ލިބެމުން ދިޔަ ނަމަވެސް، މިހާރު އެ އާމްދަނީ ރާއްޖޭގައި ހިފެހެއްޓޭނެ މަގު ފަހިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބަންކަރިންގ ވިޔަފާރިއަށް ލިބިފައިވާ ކުރިއެރުމުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ޝިމާދު ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރު މި ޚިދުމަތް ތަޢާރަފުކުރުމަށްފަހު ފުރަތަމަ ދެތިން މަސްދުވަހުގެ ތެރޭގައި 2.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. އަދި 2025 ވަނަ އަހަރު އެ ޢަދަދު 18 މިލިއަން ޑޮލަރަށް އުފުލުނުއިރު، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމްލަ އާމްދަނީ ވަނީ ގާތްގަނޑަކަށް 70 މިލިއަން ޑޮލަރަށް އަރާފައެވެ.
Ads by BMLއެސްޓީއޯއިން މިވަގުތު ބޯޓުފަހަރު މެދުވެރިކޮށް އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެމުންދާއިރު، މި އޮޕަރޭޝަންތަކުގެ ހަލުވިކަމާއި ހަރުދަނާކަން އިތުރުކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކަށްވެސް ޝިމާދު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އިހަވަންދިއްޕޮޅު ހިމެނޭހެން އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދުތަކުގައި އެއްގަމުގައި ތެޔޮ ރައްކާކުރާނެ ވަސީލަތްތައް ނުވަތަ ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޤައުމީ އިޤްތިޞާދު ސިންދަފާތުކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި މި ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށްވާ ވިޓޯލް އާ ގުޅިގެން ފެށި މި ޚިދުމަތަށް އޮތް ޑިމާންޑް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
Ads by MACL
