ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބުނާ ވަގުތަށް ކަންކަން ނުކުރެވުމަކީ ދޮގުހެދުން ކަމަކަށް ނުބެލެވޭނެ: ނައިބު ރައީސް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވަނީ --- ފޮޓޯ: މަޖިލިސް އިދާރާ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވަނީ --- ފޮޓޯ: މަޖިލިސް އިދާރާ.

ބުނާ ކޮންމެ ކަމެއް އެ ވަގުތަކަށް ނުކުރެވުމަކީ ދޮގުހެދުން ކަމުގައި ނުބެލެވޭނެ ކަމަށާއި، ވަގުތާއި ހާލަތު ބަދަލުވާ ގޮތުން ކަންކަމަށް ބަދަލު އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ރިޔާސަތުގައި އިންނެވި ނައިބު ރައީސް ސަލީމް ވިދާޅުވީ ހާލަތު ބަދަލުވުމުން ކަންކަން ކުރާ ގޮތަށް ބަދަލު އައުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އެކަމަށް ދީނީ މިސާލެއް ނަންގަވަމުން ސަލީމް ވިދާޅުވީ، އިސްލާމްދީނުގައި މުޅަތަކެތީގެ މަސް ކެއުމަކީ ކަނޑައެޅިގެން ހަރާމް ކަމެއް ނަމަވެސް، ބަނޑުހައިހޫނުކަމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާވާ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މަސް ކެއުން ހުއްދަވާ ކަމަށެވެ.

މި ބަހުސްގައި މެންބަރު އަހުމަދު ދީދީ ވަނީ ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސްއެޅޭ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓެކޭ އެއްފަދައިން އަންނަ އަހަރުގެ ބަޖެޓުގައިވެސް ހުރީ ހަމައެކަނި ހިޔާލީ އަދަދުތަކެއް ކަމަށާއި، ބުނާ ބަހާ ދިމާ އިދިކޮޅަށް އަމަލު ކުރުމަކީ ދޮގުހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ބޯހިޔާވަހިކަމުގެ ބަޖެޓާއި މިއަހަރުގެ ސިއްހީ ދާއިރާގެ ބަޖެޓުން އެއްވެސް ރަށެއްގައި އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އަހުމަދު ދީދީ ތުހުމަތު ކުރެއްވިއެވެ. އަދި އައްޑޫ ސިޓީގެ ލިންކު ރޯޑާއި މަގުތައް ހެދުމާއި، ބްރިޖުގެ މަސައްކަތުގެ އިތުރުން ޓޫރިޒަމް ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ނުފެށޭ ކަމަށާއި، އައްޑޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ މަޝްރޫއު ހުއްޓުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ އައްޑޫގެ ބިން ހިއްކި ސަރަހައްދުތަކުން ދޫކުރި ގޯތިތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ގާއިމުކޮށްދީފައި ނުވާ ކަމަށާއި، ކުންފުނިތައް އުވާނުލައްވާނެ ކަމަށް ވިދާޅުވެ ބައެއް ކުންފުނިތައް އުވާލަމުން ގެންދަވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.