ތިން އަހަރުތެރޭ އެމްޓީސީސީން 93 މަޝްރޫޢު ނިންމައި، 356 މަޝްރޫޢު ކުރިއަށް!
ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ޤައުމީ ތަރައްޤީގެ 93 މަޝްރޫޢެއްގެ މަސައްކަތް އެއްކޮށް ނިންމާލައި، އިތުރު 356 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްޓީސީސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ކާމިޔާބީތަކަކީ އެ ކުންފުނީގެ ހީވާގި މުވައްޒަފުން ޤައުމީ ތަރައްޤީއަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާއެވެ.
މިހާރުވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ އަތޮޅެއް ހިމެނޭހެން، ޖުމްލަ 149 ރަށެއްގައި އެމްޓީސީސީގެ އެކި މަޝްރޫޢުތައް ދަނީ ހިނގަމުންނެވެ. މީގެ ތެރޭގައި ރަށްރަށުގެ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން، މަގު ހެދުމާއި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިމެނެއެވެ.
Ads by BMLއެ ކުންފުނިން ބުނީ "ރައްޔިތުންގެ ކުންފުނި" ގެ ގޮތުގައި ދެމިއޮވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ވަރުގަދަ މުޖުތަމަޢުތަކެއް ބިނާކުރުމަށާއި، ދަތުރުފަތުރާއި ޢުމްރާނީ ގޮތުން ގުޅިލާމެހިފައިވާ ދިވެހިރާއްޖެއެއް ޤާއިމުކުރުމަށް ވެފައިވާ ވަޢުދު ފުއްދުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެމްޓީސީސީން ވަނީ ދީފައެވެ.
Ads by MACL
