ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގދ. ތިނަދޫގައި ޕްރީފެބްރިކޭޓަޑް އިމާރާތެއް ބެހެއްޓުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ގދ. ތިނަދޫގައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރީފެބްރިކޭޓަޑް އިމާރާތް ބެހެއްޓުމުގެ މަޝްރޫޢުގެ މަސައްކަތް ސައިޓުގައި ކުރިއަށްދަނީ --- ފޮޓޯ: އެމްޓީސީސީ.
ގދ. ތިނަދޫގައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރީފެބްރިކޭޓަޑް އިމާރާތް ބެހެއްޓުމުގެ މަޝްރޫޢުގެ މަސައްކަތް ސައިޓުގައި ކުރިއަށްދަނީ --- ފޮޓޯ: އެމްޓީސީސީ.

ގދ. ތިނަދޫގައި ޕްރީފެބްރިކޭޓަޑް އިމާރާތެއް ބެހެއްޓުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މުހިންމު މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން އެންމެ ފަހުން އާންމުކުރި މަޝްރޫޢުގެ އަދާހަމައިގައިވާ ގޮތުން، މިހާރު ސައިޓުގައި ކުރިއަށްދަނީ އިންޖީނުގޭގެ ސްލެބް އެޅުމުގެ މަސައްކަތާއި، ޓެލީ އޭރިއާގެ ކޮންކްރީޓް މަސައްކަތްތަކެވެ.

މި މަޝްރޫޢު ނިމުމާއެކު ތިނަދޫގެ ޢުމްރާނީ ތަރައްޤީއަށާއި އިޤްތިޞާދީ ދުވެއްޔަށް ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ. ޚާއްޞަކޮށް، ޓެލީ އޭރިއާ އާއި އިންޖީނުގޭގެ މަސައްކަތް ފުރިހަމަވުމުން ވިޔަފާރި މުދާ ބެލެހެއްޓުމާއި، ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކަށް ޙައްލު ލިބި، މަސައްކަތްތައް އިތުރަށް އަވަސްވެ ހަރުދަނާވެގެންދާނެއެވެ.

މީގެ އިތުރުން، ޕްރީފެބްރިކޭޓަޑް އިމާރާތެއް ބެހެއްޓުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ޒަމާނީ ފެންވަރުގެ ޖާގަ ތަނަވަސް ތަނެއް ޤާއިމުކުރެވޭނެ ގޮތެއް ކަމުން، ރަށުގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާވެ، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އެކަމުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މަޝްރޫޢުތަކާ ގުޅޭ އިތުރު މަޢުލޫމާތާއި އަދާހަމަތައް އެ ކުންފުނީގެ ޕްރޮޖެކްޓްސް ޕޯޓަލް (mtcc.com.mv) މެދުވެރިކޮށް ބެލެން ހުންނާނެ ކަމަށެވެ.