ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މެންބަރު މައުރޫފްގެ ބަންދަށް 5 ދުވަސް ޖަހައިފި

މަސްވެރިން ކުރިއަށް ގެންދިޔަ އިހްތިޖާޖުގައި މައުރޫފް ވާހަކަ ދައްކަވަނީ ---
މަސްވެރިން ކުރިއަށް ގެންދިޔަ އިހްތިޖާޖުގައި މައުރޫފް ވާހަކަ ދައްކަވަނީ ---

މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މެމްބަރު މައުރޫފްގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު އެ އަމުރުކުރީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން މާލެ ސަރަހައްދުގައި ކުރަމުންދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގަ އެވެ. މައުރޫފްގެ އިތުރުން ދެން ހައްޔަރުކުރި ދެ މީހުންވެސް 5 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.

މާލޭ ބޭރުގައި މަސްދޯނިތައް އަޅައިގެން ތިބެ މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ، ފުލުހުން ދޯނިތަކަށް އަރައި މުޒާހަރާ ރޫޅާލުމަށް ފަހު އެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ ދެ ދޯންޏެއް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ބަންދުގެ މަޖިލީހުގައި ފުލުހުން ވަނީ މައުރޫފްގެ މައްޗަށް ތިން ތުހުމަތެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑުދަތުރުފަތުރަށް ހުރަސް އެޅުމާއި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ އިތުރުން ކޯސްޓް ގާޑަށް ގެއްލުން ދިނުން ހިމެނެ އެވެ. ނަމަވެސް، މައުރޫފް ވަނީ ކޯޓުގައި މި ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހާމަކުރި ގޮތުގައި އިހުތިޖާޖު ރޫޅާލަން ޖެހުނީ، އެ ސަރަހައްދަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށް ވެފައި، އާންމު ދަތުރުފަތުރަށް ދަތިނުވާނެހެން އަމަލުކުރުމަށް ދިން ނަސޭހަތް ގަބޫލުނުކުރުމުންނެވެ. އަދި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މި އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުން ދިޔަކަން ފާހަގަވެގެން އެކަން އެގޮތަށް ނުކުރުމަށް ވެސް އަންގާފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނާ ގޮތުގައި މަސްވެރިންގެ ޔޫނިއަނުން ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފަ އެވެ. އަދި ތިން މީހުން ހައްޔަރުކުރީ ތަކުރާރުކޮށް ދިން ނަސޭހަތަށް ބެލުމެއް ނެތި، ޤާނޫނާ ޚިލާފަށް އަމަލުކުރަމުން ގެންދިއުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.