ވެމްކޯ މުވައްޒަފެއްގެ ފުއްޕާމެޔަށް ޑީސަލް ގޮސް، އައިސީޔޫގައި ފަރުވާދެނީ
ގއ. ދިޔަދޫގައި ހުންނަ ވެމްކޯ ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފުއްޕާމެޔަށް ޑީސަލް ގޮސް ސިއްހީ ހާލު ދެރަވެ، މިހާރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ޖަނަރޭޓަރަކަށް ޑީސަލް އަޅަން ހޮޅިއަކުން އަނގަޖަހައި ދެމުމުގެ ތެރޭގައި ޑީސަލް ބޮވުމުގެ ސަބަބުން ކަމަށް ވެމްކޯއިން ބުނެއެވެ.
މިކަމާއި ގުޅިގެން މައުލޫމާތުދެއްވަމުން ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ، ހާދިސާ ހިނގި މުވައްޒަފަކީ ގއ. ދިޔަދޫ ސައިޓްގައި މަސައްކަތްކުރާ މީހެއް ކަމަށެވެ. ޖަނަރޭޓަރަކަށް ޑީސަލް އަޅަން ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން އަނގައަށް ޑީސަލް އެޅި، އެ ޑީސަލް ބޮވުމުގެ ސަބަބުން މިކަން ދިމާވީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެވަގުތު ދެވެން ހުރި އަވަސް ފަރުވާ އެމީހާއަށް ދިނުމަށްފަހު އިމަޖެންސީގައި ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އޭނާ ހާމަކުރެއްވިއެވެ.
Ads by BMLވެމްކޯ އޮފިޝަލް އިތުރަށް ވިދާޅުވީ، ޑީސަލް ހަމެއްގެ ތެރެއަށް ހޮޅިއެއް ލައިގެން އަނގަ ޖަހާ ޑީސަލް ދަމާލީ މަސައްކަތް އަވަސް ކުރުމަށްޓަކައި ކަމަށް ބެލެވޭ ކަމަށެވެ. މިގޮތަށް ދަމަން އުޅުމުގެ ތެރޭގައި ޑީސަލް ބޮވުމާއެކު މުވައްޒަފު ބިރުން ތެޅިގަތުމުން، ޑީސަލް ފުއްޕާމެޔަށް ދިޔައީ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެހިސާބުން ވަގުތުން ދޭންޖެހޭ އަވަސް ފަރުވާ މުވައްޒަފަށް ދެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވިލިނގިލީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އެ މުވައްޒަފު މާލެ ގެނެސްފައިވަނީ އިމަޖެންސީގައެވެ. އޭނާ މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. ވެމްކޯއިން ބުނި ގޮތުގައި މާލެ ގެނެވުނުއިރު މުވައްޒަފުގެ ހާލު ދެރަކަމުން ވެންޓިލޭޓަރަށް ވެސް ލެވުނު ނަމަވެސް، މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވަނީ އަންގާފައެވެ.
އައިޖީއެމްއެޗްއިން ލިބުނު މައުލޫމާތު ހިއްސާކުރައްވަމުން ވެމްކޯގެ އޮފިޝަލް ވިދާޅުވީ، މިހާރު މުވައްޒަފުގެ ހާލު "ސްޓޭބަލް" ކަމަށެވެ. "މާލެ ގެނެވުނުއިރު ހާލުދެރަކަމަށް ވަނީ ވެންޓިލޭޓަރަށް ލީ ނޭވާލާން އުނދަގޫ ވެގެން. އެކަމު މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަނީ" އޮފިޝަލް ވިދާޅުވިއެވެ.
އެ ހާދިސާ ހިނގި އިންޖީނުގޭގައި ތެޔޮ އަޅާނެ ރޭމްޕްތަކާއި ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހިފައި ހުރި ކަމަށް ވެމްކޯއިން ފާހަގަކުރެއެވެ. ނަމަވެސް، މަސައްކަތް އަވަސްކޮށްލުމުގެ ގޮތުން މުވައްޒަފު ރައްކާތެރިކަމުގެ އުސޫލުތަކާ ޚިލާފަށް އަނގަ ޖަހައި ޑީސަލް ދަމާލީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
Ads by MACL
