ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރ. ދުވާފަރުގައި އާރުޓީއެލް ބަސް ހިދުމަތް ރަސްމީކޮށް ފަށައިފި

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއާ ދިމާކޮށް ރައީސް މުއިއްޒު ބަސް ހިދުމަތް ފައްޓަވައި ދެއްވުން -- ފޮޓޯ: އެމްޓީސީސީ
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއާ ދިމާކޮށް ރައީސް މުއިއްޒު ބަސް ހިދުމަތް ފައްޓަވައި ދެއްވުން -- ފޮޓޯ: އެމްޓީސީސީ

ރ. ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނެވެ. މީގެ ސަބަބުން ދުވާފަރުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި، ސްކޫލްތައް އޮންނަ ދުވަސްވަރު ކޮންމެ އާދިއްތަ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން މެންދުރުފަހު 3:30 ވަންދެން ބަހުގެ ދަތުރުތައް ބާއްވާނެއެވެ. ސްކޫލް ބަންދު ދުވަސްތަކުގައި ބަހުގެ ހިދުމަތް ދޭނީ މެންދުރު 2:00 އިން ހަވީރު 5:00 ޖަހަންދެން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މި ޝެޑިއުލްތައް ފަރުމާކޮށްފައިވަނީ ރަށުގެ ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ގޮތަކަށް ބަލައިގެންނެވެ.

ބަހުގައި ދަތުރުކުރުމަށް ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް މާސްޓަކާޑު ނުވަތަ ވިސާކާޑު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ކިއުއާރު ޓިކެޓިންގެ ޒަރީއާ އިން ވެސް ޓިކެޓް ބައްލަވައިގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. ޚާއްސަ ގޮތެއްގައި، ސްކޫލް ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓަރީ ކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އަތުން ބަހުގެ ދަތުރުތަކަށް އަގެއް ނުނަގާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ދުވާފަރުގައި ބަސް ރޫޓު ހެދުމުގައި ވަނީ ސްކޫލްތަކާއި ބީޗު ސަރަހައްދާއި އޮފީސްތަކާއި ސިނާއީ ސަރަހައްދާއި ހޮސްޕިޓަލާއި ފެރީ ޓާމިނަލްތަކަށް އެންމެ ފަސޭހައިން ދެވޭނެ ގޮތްތަކަށް އިސްކަން ދީފައެވެ. މިގޮތުން ރަށުގެ މުހިންމު ހުރިހާ ސަރަހައްދުތަކަށް ވެސް ބަހުގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ. ދުވާފަރު އާރުޓީއެލް ބަހުގެ ޝެޑިއުލާއި ބަސް ރޫޓުތައް އެމްޓީސީސީގެ ވެބްސައިޓާއި އެޕުން ބަލައިލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްސަދަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމެވެ. ދުވާފަރުގައި މި ހިދުމަތް ފެށުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ކުންފުނިން ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.