ބީއެމްއެލްގެ "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން މަސްވެރިންނަށް ފަސޭހައިން ފައިނޭންސިންގއަށް އެދި ހުށަހެޅޭ "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި
ރ. ދުވާފަރުގައި ބޭއްވުނު މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަމީން އިފްތިތާހުކުރެއްވި މި ޕޯޓަލްއަކީ ބީއެމްއެލްގެ އިސްލާމީ ފައިނޭންސިން ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވުމަށް ހުޅުވުނު ދޮރެއް.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ބޭންކުގެ ފައިނޭންސިންގ ޚިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް، "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފިއެވެ. މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނެވެ. މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާގެ މީހުންނަށް މާލީ އެހީތެރިކަން ފަސޭހައިން ފޯރުކޮށްދިނުމެވެ.
މަސްވެރިޔާ ޕޯޓަލްއިން މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި އުންމީދުތައް ހާސިލްކުރުމަށް އެހީތެރިވުމަށްޓަކައި ހެދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެއެވެ. ގައުމީ ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، ގެދޮރު ގަތުމަށް، ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް، މަތީ ތައުލީމު ހާސިލުކުރުމަށް، އުޅަނދު ބަނުމާއި މަރާމާތުކުރުމަށް، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް އަދި މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ލުއި ފައިނޭންސިންގ ލިބޭނެއެވެ.
Ads by BMLމި ޕޯޓަލް އިފްތިތާހުކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "މަސްވެރިންނަށް މާލީ ޚިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއެކު ވާނީ އެއްބަސްވެފައި." ކަމަށެވެ. "މަސްވެރިޔާ ޕޯޓަލް އިފްތިތާހުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެންމެ ބޭނުންތެރި މާލީ ހައްލުތައް ފޯރުކޮށްދިނުމަށް." ޝަރީފް އިތުރަށް ވިދާޅުވިއެވެ.
މަސްވެރިޔާ ޕޯޓަލްއަކީ ބޭންކުން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއް ރަމްޒެކެވެ. ބޭންކުން ވަނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްދިނުމުގެ ޚިދުމަތެއް ފަށާފައެވެ. އަދި، އެއްވެސް އިކުއިޓީއެއް އަދި ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ހާއްސަ ފެސިލިޓީއެއްވެސް ތައާރަފްކޮށްފައިވެއެވެ. މި ފައިނޭންސިންގއަށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލު ހަމަޖައްސަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ.
މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ޚިދުމަތްތައްވެސް ވަރަށް އަވަހަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ. މި ޕޯޓަލްގެ ވެބްސައިޓަކީ masveriyaa.bankofmaldives.com.mv އެވެ.
Ads by MACL
