މަސް ގަންނަ އަގަށް ހެޔޮ ބަދަލު ގެނެސް ތެޔޮ އަގުހެޔޮކުރަން ރައީސް ނިންމަވައިފި
މަސް ގަންނަ އަގަށް ހެޔޮ ބަދަލު ގެނެސް ތެޔޮ އަގުހެޔޮކުރަން ރައީސް ނިންމަވައިފިއެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ. އެގޮތުން، މަސްވެރިން ކިރުވާ މަހަށް މިފްކޯއިން ދޭ އަގު ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގުހެޔޮކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މި ބަދަލުތަކަކީ މަސްވެރިންގެ ދިގު މުއްދަތުގެ ޝަކުވާތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ކިރުވާ މަހަށް ރަނގަޅު އަގެއް ނުލިބުމުގެ މައްސަލަކަމަށެވެ. މިފްކޯއިން މަސް ގަންނަ އުސޫލަށް ހެޔޮ ބަދަލެއް ގެނެސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ކުރިން ދޮޅު ކިލޯއިން މަތީގެ މަސް 16 ރުފިޔާއަށް ގަންނަމުންދިޔަ ނަމަވެސް، މިހާރު ކަނޑައަޅާފައިވާ ގޮތުން، އެއް ކިލޯއަށްވުރެ މަތީގެ މަސް ގަންނަ އެންމެ ދަށް ރޭޓަކީ 16 ރުފިޔާއެވެ. މީގެ ސަބަބުން ކުދި މަސްވެސް އެއް ކިލޯއިން މަތިވާނަމަ 16 ރުފިޔާގެ ރޭޓުން ގަންނާނެއެވެ.
Ads by BMLމި ބަދަލާއެކު، މަސް ގަންނަ އެންމެ މަތީ ރޭޓަކީ 16 ރުފިޔާ ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އުސޫލަށް ގެނެވުނު ބަދަލާއެކު 16 ރުފިޔާއަށްވުރެ ބޮޑު އަގުގައި ވެސް މަސް ކިރުވުމުގެ ފުރުސަތު މަސްވެރިންނަށް ލިބިގެންދާނެއެވެ. މިއީ މަސްވެރިންނަށް އިތުރު އާމްދަނީއެއް ލިބި، އެ ދާއިރާ ތަރައްޤީވުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މަސްގަންނަ ރޭޓުގެ އިތުރުން މަސްވެރިންނަށް މިފްކޯ މެދުވެރިކޮށް ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމާފައިވެއެވެ. މިކަމުގެ ދަށުން، މަސްވެރިންނަށް ވިއްކާ ތެލުގެ އަގުން 51 ލާރި އަގުހެޔޮކުރެވޭނެއެވެ. އަދި 3 ޓަނަށްވުރެ މަތިން މަސް ކިރާ ދޯނިތަކަށް އިތުރު 20 ލާރި (ޖުމްލަ 71 ލާރި) އަގުހެޔޮކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ބަދަލުގެ ސަބަބުން ބައެއް ދޯނިތަކަށް ދުވާލަކު ހާހެއްހާ ރުފިޔާ ސަލާމަތްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ސްކިޑްތައް ކޮންމެ އަތޮޅެއްގައި ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް ނިމުމުން، ދުރުދުރުގައި ތެޔޮ ގަންނަން ދާންޖެހުމުގެ ދަތިކަން ކުޑަވެ، މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
Ads by MACL
