ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ %49 ނިމި، 31 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ %49 ނިމި، 31 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލެ ތިންވަނަ ފިޔަވަހި (ފޭސް 3) ގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިހާތަނަށް މުޅި މަޝްރޫއުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަސައްކަތް ނިމިފައިވާކަމަށް ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން، ހުޅުމާލެ ފޭސް 3 ގެ ގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވާ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން މިހާތަނަށް 31 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. މިއީ މުޅި މަޝްރޫއުގެ 49.2 އިންސައްތައެވެ.

ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ސައިޓުގައި މިވަގުތު ދެ ޑްރެޖަރު ހަރަކާތްތެރިވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. އެއީ "ޕްރިންސް ޑަރ ނެދަލެންޑެން" (Prins der Nederlanden) އަދި "އޮރަންޖެ" (Oranje) އެވެ. މި ދެ ޑްރެޖަރަކީވެސް 22،000 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2025 ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.