ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަަން ރައީސާ ބައްދަލުކުރައްވައިފި
ޗައިނާގެ ދައުލަތުގެ އެންމެ މުހިއްމު އިދާރާ ކަމުގައިވާ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން ވަންގް ޑޮންގްމިންގް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެމަނިކުފާނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދުވަސްވީ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ތަރައްޤީގެ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި، ރައީސް މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. ދުވަސްވީ އެކުވެރި ގުޅުމާއި، ދެ ޤައުމުގެ މެދުގައި އޮތް އިތުބާރުގެ މައްޗަށް ބިނާވެފައިވާ ޗައިނާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
Ads by BMLއޭގެ އިތުރަށް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭހެން މުހިއްމު ތަރައްޤީގެ އެކި މަސައްކަތްތަކުގައި ޗައިނާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެއްބާރުލުންދީ އެކުގައި މަސައްކަތްކުރެވޭނެ އިތުރު ދާއިރާތައް ދެނެގަތުމާއި، މިހާރުވެސް އުފެދިފައި ހުރި ގުޅުންތައް އިތުރަށް ވަރުގަދަކުރުމާ މެދު މަޝްވަރާކުރައްވާފައިވެއެވެ.
އެގޮތުން އެއްބާރުލުންދީ ދެ ޤައުމުން އެކުގައި މަސައްކަތްކުރާނެ މުހިއްމު ދާއިރާތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މުވާސަލާތާއި ދަތުރުފަތުރާއި އައިޓީއާއި ވިޔަފާރި ހިމެނެއެވެ. އަދި ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޤާއިމުކުރެވުނު ފަހުމުނާމާތަކާއި އެއްބަސްވުންތަކުގެ ދަށުން ޙާސިލުކުރެވުނު ކުރިއެރުންތަކާއި ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްގޮސްފައިވާ ހިސާބާ މެދު ދެބޭފުޅުންވެސް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ.
ވައިސް ޗެއާމަން ވަންގް ޑޮންގްމިންގް ވަނީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޗައިނާއަށް ރައީސް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ވަފުދުގެ ދަތުރުފުޅުގެ މަޤްޞަދަކީ އެ ގުޅުން ދެ ޤައުމާއި، ދެ ޤައުމުގެ ރައްޔިތުންނަށް މަންފާވާނިވި ގޮތަށް އިތުރަށް ވަރުގަދަކޮށް ބަދަހިކުރެއްވުންކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖެއާއެކު އެކުލަވައިލެވިފައިވާ ޝާމިލު އިސްތިރާޖީ ޕާޓްނާޝިޕް ތަންދީޒުކުރުމުގައި ޗައިނާ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވުމާއެކު، ތަރައްގީގައި ރާއްޖެއިން އިސްކަންދޭ ކަންކަމަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވަންގް ޑޮންގްމިންގް ދެއްވިއެވެ.
ދެ ޤައުމަށް ފައިދާވާނިވި ގޮތަށް އިޙްސާސްވާނިވި ފައިދާތަކެއް ލިބޭނެހެން ޗައިނާ-ރާއްޖެ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ. ވައިސް ޗެއާމަން ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
Ads by MACL
