10 ސެލޫނެއް ބަލައިފާސްކޮށް، އޭގެ ތެރެއިން 3 ތަނެއް ބަންދުކޮށްފި
މޯލްޑިވްސް އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ރޭ މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ޤަވައިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ 10 ސެލޫނެއް ބަލައިފާސްކޮށް، އޭގެ ތެރެއިން 3 ތަނެއް ބަންދުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ޤަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށެވެ.
Ads by BMLއިމިގްރޭޝަނުން ވިދާޅުވީ، މި އޮޕަރޭޝަން ރޭ ކުރިއަށް ގެންދިޔައީ، ޤަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ކަމަށެވެ. ބަލައިފާސްކުރި 10 ތަނުގެ ތެރެއިން 3 ތަން ބަންދުކުރަން ނިންމާފައިވަނީ، އެ ތަންތަނުން ޤަވައިދާ ޚިލާފު ހަރަކާތްތަކެއް ފާހަގަވުމުންނެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން، ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދައި، އެމީހުން އަނބުރާ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްތަކާއި، ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާއި އެހެނިހެން ކަމާގުޅޭ އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
https://twitter.com/ImmigrationMV/status/2000505796887757300?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2000505796887757300%7Ctwgr%5Ed6166b150f22ac3adff360362ff26b28a2533ef7%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F170723
އިމިގްރޭޝަނުން ފާހަގަކުރައްވާ ގޮތުގައި، ޤަވައިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެފަދަ މީހުން ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެންނާއި، އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިތައް ކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދާކަން ވަނީ ފާހަގަވެފައެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް ލިބެންޖެހޭ ވަޒީފާގެ ފުރުޞަތުތަކަށް އަސަރުކުރެއެވެ.
ވުމާއެކު، ރާއްޖޭގައި ޤަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ސަރުކާރުން ވަރުގަދައަށް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ހާމަކުރައްވައެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައިވެސް ގަވައިދުން ހިންގާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
Ads by MACL
