ޝައިޚް މުޙައްމަދު އިބްރާހީމަށް އެހީވުމަށް އާންމުންގެ ބޮޑު ތަރުހީބެއް: 24 ގަޑިއިރު ތެރޭ ފަރުވާގެ ފުރަތަމަ މަރުހަލާގެ ހަރަދު ހަމަވެއްޖެ
ދިވެހިރާއްޖޭގެ ދީނީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަޟީލަތުއްޝައިޚް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ، އެބޭފުޅާއަށް ބޭނުންވާ ފަރުވާ ހޯދުމަށް "އެހީ" ޖަމިއްޔާއިން ކުރި އިލްތިމާސަށް ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބި، ފުރަތަމަ މަރުހަލާގެ ހަރަދަށް ބޭނުންވާ ފައިސާ 24 ގަޑިއިރު ތެރޭގައި ހަމަވެއްޖެ އެވެ.
މިކަމަށްޓަކައި ޕޯޓަލެއް ހުޅުވައިލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 1,300 އަށް ވުރެ ގިނަ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
"އެހީ" ޖަމިއްޔާއިން ރޭ ބުނި ގޮތުގައި، ޅ. ނައިފަރަށް އުފަން ޝައިޚް މުހައްމަދު އިބްރާހީމްގެ ސިއްހީ ފަރުވާ އަށް މިވަގުތަށް ބޭނުންވާ 20،000 އެމެރިކާ ޑޮލަރު (308,400 ދިވެހި ރުފިޔާ) 24 ގަޑިއިރު ނުވަނީސް ހަމަވެފައިވާ ކަމަށާއި، ދަތުރަށް ތައްޔާރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ލޮލުގެ ކަންކަމާއި، ހުރިހާ ޓެސްޓުތަކެއް ހެދުމުގެ އިތުރުން، އެހީތެރިންނާއި ކެއުމާއި ހުރުމުގެ ހަރަދު ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެ އެވެ.
Ads by BMLޝައިޚަށް އެހީވުމަށްޓަކައި "އެހީ" ޖަމިއްޔާއިން އިއްޔެ މެންދުރުފަހު "އެދިހަ" ނަމުގައި ޚާއްސަ ޕޯޓަލެއް ހުޅުވުމާއެކު، މިއަދުގެ ހެނދުނާ ހަމައަށް 400,000 (ހަތަރު ލައްކަ) އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ޕޯޓަލް އިން ދައްކަ އެވެ. މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ 1,300 އަށް ވުރެ ގިނަ ފަރާތުންނެވެ. ދިވެހި ރައްޔިތުންގެ މިފަދަ ހެޔޮކަން ހާމަވެގެން ގޮސްފައިވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
ޝައިޚް މުހައްމަދު އިބްރާހީމް އާލާސްކަންފުޅާ އުޅުއްވާތާ ދެތިން އަހަރު ވެފައިވާއިރު، އެ ދެ ލޮލުގެ ފެނުން ގެއްލި އެހެނިހެން ސިއްހީ މައްސަލަތަކާ ހެދި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިޚް ވަނީ 2019 ވަނަ އަހަރުގައާއި 2023 ވަނަ އަހަރު ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވާއިރު، ހަށިގަނޑުގައި ޓިއުމަރެއް އުފެދުމާއި ހިތުގެ މައްސަލަ ވެސް އެބޭފުޅާއަށް ކުރިމަތިވެފައިވެ އެވެ.
ޝައިޚް މުހައްމަދު އިބްރާހީމް ވަނީ ޅ. ނައިފަރުގެ މަދްރަސަތުލް އިފްތިތާހުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައިފަ އެވެ. އަދި ގިނަ އަދަދެއްގެ ދީނީ ފޮތްތައް ވެސް އެބޭފުޅާ ލިޔުއްވާފައިވެ އެވެ. ނަމަވެސް ދެ ލޮލުގެ ފެނުން ގެއްލުމާއެކު، އެ ހުރިހާ ކަމެއް ހުއްޓި އާމްދަނީ ލިބޭނެ ގޮތެއް ވެސް މިހާރު ނެތް ކަމަށް "އެހީ" ޖަމިއްޔާއިން ބުނެ އެވެ. ޝައިޚް ހަރަދު ކުރައްވަން ޖެހޭ ދަރިފުޅަކު ހުރިއިރު، އެބޭފުޅާއަށް ލިބިވަޑައިގަންނަވަނީ ހަމައެކަނި ސަރުކާރުން ދޭ ނުކުޅެދޭ މީހުންގެ އެލަވަންސެވެ. ދެން އެހީތެރިވަނީ އާއިލާ އާއި ހެޔޮއެދޭ މީހުންނެވެ.
މަދީނާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައިޚް މުހައްމަދު އިބްރާހީމް ވަނީ އެކި ދާއިރާތަކުން ގިނަ ފޮތްތަކެއް ލިޔުއްވައި، ދިވެހި ދީނީ އިލްމީ ދުނިޔެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އޭނާގެ މަޝްހޫރު ބައެއް ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއްސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލާސާ، ކިތާބުއް ސަލާތު ހިމެނެ އެވެ. "އެހީ" ޖަމިއްޔާ އިން ބޭނުންވަނީ ރަނގަޅަށް ފަރުވާ ކުރެވޭނެ ތަނަކަށް ޝައިޚް ގެންގޮސް ފަރުވާ ހޯދައިދިނުމަށެވެ.
Ads by MACL
