ވެލާނާ އެއަރޕޯޓަށް ގެނައިފަދަ އިންޤިލާބީ ބަދަލު ވިޔަފާރި ބަނދަރަށް ގެނައުން މަޖުބޫރު: ސަޢީދު
ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރު ހުރި ދަތިތައް ފިލުވާލައި، އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި، މައި ވައިގެ ބަނދަރަށް (ވީއައިއޭ) ސަރުކާރުން ގެނައި ފަދަ ޒަމާނީ ބޮޑެތި ބަދަލުތައް މައި ވިޔަފާރި ބަނދަރަށްވެސް ގެންނަން ޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިކަން ފާހަގަކުރެއްވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕޯޓް މެނޭޖްމަންޓް އަދި އޮޕަރޭޝަންސްއާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތާއި ޤައުމުގެ އިޤްތިޞާދު ފުޅާވެގެންދިޔަ މިންވަރާ ގާތަށްވެސް، ވޭތުވެދިޔަ 25 އަހަރު ތެރޭގައި ވިޔަފާރި ބަނދަރުގެ ޖާގަ އިތުރުކުރެވިފައި ނުވާކަމަށެވެ. ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، 2000 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި 30،000 ޓީއީޔޫ ކޮންޓެއިނަރުގެ ޢަދަދު މިއަދު އެއްލައްކައަށްވުރެ މައްޗަށް ގޮސްފައިވާއިރު، ބަނދަރުގެ ޚިދުމަތްތައް އެއާ އެއްވަރަށް ތަރައްޤީ ނުކުރެވުމަކީ މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
Ads by BMLމި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ގެންގުޅުއްވާ "މަގު ޗާޓު"ގެ ތަފްޞީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުދި 'ސެޓެލައިޓް ޕޯޓް'ތައް ޤާއިމުކުރުމުގެ މަސައްކަތް ރާވާފައިވާ ކަމަށެވެ. އަދި އުތުރާއި ދެކުނުގައި ވިޔަފާރި މައި ދެ ހަބު ތަރައްޤީކުރުމަކީވެސް މި ޕްލޭންގެ މުހިންމު ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް، ބޮޑެތި އާބާދީތަކެކޭ އެއްފަދައިން ކުދި އާބާދީތަކަށްވެސް ތަފާތުކުރުމެއްނެތި މުދަލާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް މި ބަދަލުތައް ކޮންމެހެން މުހިންމުކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި އިމްޕޯޓް އެކްސްޕޯޓްގެ މަރުޙަލާތަކުގައި އެމްޕީއެލްއިން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ޚިދުމަތްތައް އަވަސްކުރުމަށް ބާރުއެޅުއްވިއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢަކީ 250 މިލިއަން ޑޮލަރުގެ އަގުހުރި، 60 ހެކްޓަރުގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ޕޯޓް އޮޕަރޭޝަންތަކަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
Ads by MACL
