ރީތިރަށް ރިސޯޓުން 2.5 ލައްކަ ޑޮލަރުގެ އިންޓަނޭޝަނަލް ސްކޭމެއް!
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް އަމާޒުކޮށް ސައިބަ ޓެކްނޮލޮޖީގެ އެހީގައި ހިންގި އިންޓަނޭޝަނަލް ބޮޑު ސްކޭމެއްގައި 250،000 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ފެންމަތިވެ، އެ ފައިސާ ހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ތަހުގީގު ފަށައިފިއެވެ.
މި މައްސަލަ ދިވެހި ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިއީ ރާއްޖޭގެ ބޯޑަރުން ބޭރުގައި ތިބެގެން ހިންގާފައިވާ ޖަރީމާއެއް ކަމަށްވާތީ، ކުށްވެރިން ދެނެގަތުމަށާއި ގެއްލުނު ފައިސާ ޓްރޭސް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފުލުހުންގެ ޖަމިއްޔާ ކަމަށްވާ "އިންޓަޕޯލް" ގެ އެހީތެރިކަމަށް މިހާރު ވަނީ އެދިފައެވެ.
ޓެކްނޮލޮޖީގެ މާހިރުން ލަފާކުރާ ގޮތުގައި މިފަދަ ބޮޑެތި ކޯޕަރޭޓް ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ ހަމަލާތަކަކީ "ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް" (ބީއީސީ) ގެ ވައްތަރުތަކެވެ.
Ads by BMLމިއީ ހެކަރުން ކުންފުނީގެ މުވައްޒަފުންގެ އީމެއިލް ސިސްޓަމްތަކަށް ވަދެ، ނުވަތަ ސަޕްލަޔަރުންގެ އީމެއިލްތައް ހެކްކޮށް، ދެފަރާތުގެ ދެމެދުގައި ދެކެވޭ ވާހަކަތައް ސިއްރުން އަޑުއަހައި ބެލުމަށްފަހު ހިންގާ ޖަރީމާތަކެކެވެ.
މިފަދަ ސްކޭމްތަކުގައި އާންމުކޮށް ބޭނުންކުރާ އެއް އުކުޅަކީ "އިންވޮއިސް މެނިޕިއުލޭޝަން" އެވެ. މިއީ ފައިސާ ދައްކަންޖެހޭ ވަގުތު ޖެހުމުން، އަސްލު އިންވޮއިސްއާ ވަރަށް އެއްގޮތް ނަމަވެސް ބޭންކް އެކައުންޓް ނަންބަރު ބަދަލުކޮށްފައިވާ ފޭކް އިންވޮއިސްއެއް ފޮނުވުމެވެ. މިގޮތަށް ފޮނުވާއިރު ހެކަރުން ބޭނުންކުރަނީ "އީމެއިލް ސްޕޫފިން" ޓެކްނިކްސްއެވެ. އެއީ އަސްލު އީމެއިލް އެޑްރެހާ ވައްތަރު އެހެން އެޑްރެހެއް ހަދައިގެން، މުވައްޒަފުންނަށް ޝައްކު ނުވާނެހެން އޮޅުވާލުމެވެ.
މީގެ އިތުރުން މިފަދަ ކުށްވެރިން "ސޯޝަލް އިންޖިނިއަރިން" ގެ އުކުޅުތައް ބޭނުންކޮށްގެން، ފައިސާ ނުދައްކައިފިނަމަ ޝިޕްމަންޓް ކެންސަލް ވެދާނެކަމުގެ ބިރު ދައްކައި، މުވައްޒަފުން ލައްވާ އަވަސް އަރުވާލައިގެން ވެރިފައި ކުރުމުގެ ފުރުސަތު ނުދީ ފައިސާ ޓްރާންސްފާ ކުރުވައެވެ.
މި މައްސަލައިގައި އިންޓަޕޯލްގެ ދައުރު މުހިންމު ވަނީ، ސައިބާ ކުށްވެރިން ބޭނުންކޮށްފައިވާ އައި.ޕީ އެޑްރެސްތަކާއި ޑިޖިޓަލް ފުޓްޕްރިންޓްތައް ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ވުމުންނެވެ. އަދި ވަގަށް ނަގާ ފައިސާ އެއް ގައުމުން އަނެއް ގައުމަށް ޓްރާންސްފާކޮށް، ނުވަތަ ކްރިޕްޓޯ ކަރަންސީއަށް ބަދަލުކޮށްފައި ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ، އެ ފައިސާގެ ޓްރެއިލް ހޯދުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ކޮންމެހެން ބޭނުންވެއެވެ.
މި ހާދިސާއިން އެނގިގެންދަނީ ރާއްޖޭގެ ވިޔަފާރިތަކުން ސައިބާ ސެކިއުރިޓީއަށް އިތުރަށް ސަމާލުކަންދީ، ބޭންކް މައުލޫމާތު ބަދަލުވެއްޖެނަމަ ހަމައެކަނި އީމެއިލްއަށް ބަރޯސާ ނުވެ، ފޯނުން ގުޅައިގެން ޔަގީންކުރުން ފަދަ "މަލްޓި-ފެކްޓާ އޮތެންޓިކޭޝަން" އުސޫލުތައް ހަރުދަނާކުރަން ޖެހިފައިވާ ކަމެވެ.
Ads by MACL
