ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގަވާއިދާހިލާފަށް ބިދޭސީން އެތެރެކުރި ބަންގުލަދޭޝްގެ ރައްޔިތަކަށް ތިން އަހަރުގެ ޖަލު ހުކުމެއް

ގަވާއިދާހިލާފަށް ބިދޭސީން އެތެރެކުރި ބަންގުލަދޭޝްގެ ރައްޔިތަކަށް ތިން އަހަރުގެ ޖަލު ހުކުމެއް

ރާއްޖެއަށް ގަވާއިދާހިލާފަށް ބިދޭސީން އެތެރެކޮށް، މަނީލޯންޑަރިންގެ އޮޕަރޭޝަނެއް ހިންގި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހޮސައިންއަށް ކުރިމިނަލް ކޯޓުން ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، އޭނާގެ މައްޗަށް ދައުވާތައް ސާބިތުވުމުން މި ހުކުމް އިއްވާފައިވަނީ ޖޫރިމަނާއާއެކުގައެވެ.

ޝަހާދަތު ހޮސައިން ރާއްޖެއަށް އައިސްފައިވަނީ އެމްޕްލޯއިމެންޓް އެޖެންސީއެއްގެ ގޮތުގައި ބިދޭސީން ރެކްރޫޓްކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް އޭނާ ފަހުން ވަނީ ގަވާއިދާހިލާފަށް ވަޒީފާދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ރެޕްރެޒެންޓިވްއެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އޭނާ ވަނީ ބިދޭސީން ރާއްޖެ ގެނައުމަށް ސައްހަނޫން ލިޔުންތައް ހަދައިގެން، އެ ލިޔުންތައް ބޭނުންކޮށް އިމިގްރޭޝަންގެ ތެރެއިން ގަވާއިދާހިލާފަށް ވޯކް ޕާމިޓް ކޯޓާ ހަމަޖައްސާފައެވެ.

އޭނާ މި ގަވާއިދާހިލާފު މަސައްކަތުން ލިބުނު ފައިސާ، އޭނާގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަށް ޖަމާކޮށް މަނީލޯންޑަރިން ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ދައުވާގައި ފާހަގަކޮށްފައިވެއެވެ. 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 އިން ފެށިގެން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ގެ ނިޔަލަށް، ޝަހާދަތު ހޮސައިންގެ އެކައުންޓުގައި 8.2 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ވަނީ ހާމަވެފައެވެ.

ޝަހާދަތު ހޮސައިންގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ ތެރޭގައި މަނީލޯންޑަރިންގެ ކުށާއި، ރިޝްވަތު ދިނުމުގެ ކުށާއި، ހުއްދަ ނުނަގާ ހުއްދަ ލާޒިމުކަމެއް ކުރުމުގެ ކުށާއި، ސައްހަނޫން ލިޔުންތައް އުފެއްދުމުގެ ކުށް ހިމެނެއެވެ. މި ހުރިހާ ދައުވާތަކަށް ޝަހާދަތު ހޮސައިން ވަނީ އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް (ޕްލީ އެގްރިމެންޓެއް) ހަދާފައެވެ.

އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، މަނީލޯންޑަރިންގެ ކުށަށް ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމަކާއި 53،400 ރުފިޔާގެ ޖޫރިމަނާއެއް ވަނީ އިއްވާފައެވެ. އަދި ރިޝްވަތު ދިނުމުގެ ކުށަށް ހަ މަސްދުވަހުގެ ޖަލު ހުކުމަކާއި 21،600 ރުފިޔާގެ ޖޫރިމަނާއެއް އިއްވާފައިވެއެވެ. އޭނާގެ މައްޗަށް ކުރި ބާކީ ދެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވެއެވެ.

ޝަހާދަތު ހޮސައިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ހުކުމްކުރީ ތިން އަހަރަށް ޖަލަށްލުމަށާއި 75،000 ރުފިޔާގެ ޖޫރިމަނާ ކުރުމަށެވެ. އޭނާ ބަންދުގައި ހޭދަކުރި 10 މަހާއި 17 ދުވަސް އަދަބުން އުނިކުރުމަށް ފަހު، މިހާރު ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ ދެ އަހަރާއި އެއް މަހާއި 12 ދުވަހެވެ.