ވީއައިއޭގެ އައު ޓާމިނަލުން ސިންގަޕޯ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ތަރައްޤީކޮށްފައިވާ އައު ފަސިންޖަރ ޓާމިނަލް (ޓާމިނަލް 1) އަށް ސިންގަޕޯ އެއާލައިންސްގެ އޮޕަރޭޝަންތައް ބަދަލުކޮށް، އެ އެއާލައިންގެ ޚިދުމަތްތައް މިއަދު ރަސްމީކޮށް އެ ޓާމިނަލުން ދޭން ފަށައިފިއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން ވީއައިއޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ. މި ހަފްލާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި، ސިންގަޕޯ އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާންގެ އިތުރުން އެމްއޭސީއެލްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އައު ޓާމިނަލަށް އޮޕަރޭޝަން ބަދަލުކުރުމާއެކު، ސިންގަޕޯ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފައެވެ. އަދި އައު ޓާމިނަލް މެދުވެރިކޮށް މިއަދު ފުރި 205 ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާ ދީފައެވެ. ހަމައެއާއެކު، މިއަދު ރާއްޖެ އައި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް (SQ432) އިން ދަތުރުކުރި 244 ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ ދިވެހި ސަގާފީ ހަރަކާތްތަކަކާއެކުގައެވެ.
Ads by BMLއެމްއޭސީއެލްއިން މައުލޫމާތު ދިން ގޮތުގައި މިއަދު ޓާމިނަލް 1 އަށް ޖެއްސި ސިންގަޕޯ އެއާލައިންސްގެ ބޯޓަކީ އެއާބަސް އޭ-350 މަރުކާގެ ބޯޓެކެވެ. މިއީ ވީއައިއޭގެ އައު ޓާމިނަލަށް މި މަރުކާގެ ބޯޓެއް ކައިރިކުރި ފުރަތަމަ ފަހަރެވެ.
1984 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދަތުރުކުރަމުން އަންނަ ސިންގަޕޯ އެއާލައިންސްގެ ޚިދުމަތްތައް އައު ޓާމިނަލަށް ބަދަލުވުމާއެކު، އެ ޓާމިނަލުން ޚިދުމަތްދޭ އެއާލައިންތަކުގެ ޖުމްލަ ޢަދަދު ވަނީ 32 އަށް އަރާފައެވެ. އެމްއޭސީއެލްގެ އަމާޒަކީ މި ބަދަލާއެކު އެއާޕޯޓުން ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފަސިންޖަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.
Ads by MACL
