ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށް ޕެންޝަން އެއްކޮށް ނެގޭނެގޮތް ހަދަނީ 

ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށް ޕެންޝަން އެއްކޮށް ނެގޭނެގޮތް ހަދަނީ 

ދާއިމީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ޕެންޝަންގެ ފައިސާ އެއްކޮށް ނެގޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕެންޝަންގެ ގާނޫނަށް އިސްލާހު ގެނެސް، ހައުސިންއާ ގުޅޭ އިތުރު ބައެއް ކަންކަން ހިމަނައިގެން ޕެންޝަންގެ ފައިސާ ބޭނުންކުރެވޭނެ އިތުރު ފުރުސަތުތައް ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ދާދިފަހުން މާލޭ ގަލޮޅު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރުކާރުގެ ޕްލޭންތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ. ޕެންޝަންގެ ފައިސާ ބޭނުން ކުރެވޭނެ އިތުރު ފުރުސަތުތައް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، މިހާރު ވެސް ހައުސިންއާ ގުޅޭ ބައެއް ކަންކަމަށް ޕެންޝަންގެ ފައިސާ ބޭނުންކުރަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޓާމިނަލް އިލްނެސްގައި ޖެހިފައިވާ މީހުންނަށް ޕެންޝަން އެއްކޮށް ނެގޭނެ ގޮތް ހެދުމުގެ އިތުރުން، ހައުސިންއާ ގުޅޭ އިތުރު ބައެއް ކަންކަން ހިމަނައިގެން ޕެންޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ދާދި އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. މި އިސްލާހުތަކުގެ ސަބަބުން ގިނަ ފަރާތްތަކަށް މިހާރަށް ވުރެ ގިނަ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި އިސްލާހުތަކަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ދާއިމީ ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށް ޕެންޝަންގެ ފައިސާ އެއްކޮށް ނެގުމުގެ ފުރުސަތު ލިބުމަކީ، އެފަދަ ބަލިތަކަށް ބޭސްފަރުވާ ކުރުމަށް ކުރާ ހަރަދުތަކާއި ދިރިއުޅުމުގެ އެހެނިހެން ބޭނުންތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބޭ ބޮޑު އެހީއެކެވެ.

މީގެ އިތުރުން، ހައުސިންއާ ގުޅޭ ކަންކަމަށް ޕެންޝަންގެ ފައިސާ ބޭނުންކުރުމުގެ ފުރުސަތު އިތުރުވުމަކީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، މާލީ ގޮތުން މިނިވަންކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.