ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިނަމާލެ، މާލޭ ހިޔާ ފްލެޓްތަކުގެ މައްސަލަ ސަރުކާރުން ހައްލު ކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ސިނަމާލެ، މާލޭ ހިޔާ ފްލެޓްތަކުގެ މައްސަލަ ސަރުކާރުން ހައްލު ކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ފްލެޓްތަކުގެ ހާލަތާއި ޖޫރިމަނާގެ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިއުމުން، ރައީސް މުޢިއްޒު ސީދާ އެކަމަށް ވަދެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވީ، ސިނަމާލެ އާއި މާލޭ ހިޔާ ފްލެޓްތަކުގެ ގިނަ މައްސަލަތައް ހައްލުކުރުމަކީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާއަކަށް ވިޔަސް، އެކަން ނުކުރެވި ދިގުލައިގެން ދިއުމުން ސަރުކާރުން އެ މައްސަލައަށް "އިންޓަވީންކޮށް" ހައްލު ހޯދާނެ ކަމަށެވެ. ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށްފަހު ރައީސް މިހެން ވިދާޅުވީ، ފްލެޓްތަކުގެ ބާވެފައިވާ ހާލަތާއި ޖޫރިމަނާގެ މައްސަލަތަކަށް ސިޓީ ކައުންސިލުން ހައްލެއް ނުދިނުމުންނެވެ.

ގަލޮޅުގެ ރައްޔިތުންނާ ރޭ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، ސިނަމާލެ އާއި މާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ އެ އިމާރާތްތަކުގެ ހާލަތާ ގުޅޭ ގޮތުންނާއި، ބާވެފައިވާ ފްލެޓްތަކުގެ މެއިންޓެނަންސްގެ މައްސަލަތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން، އެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްފައި ވަނިކޮށް، ޖޫރިމަނާގެ ފައިސާ ދައްކަން މާލޭ ސިޓީ ކައުންސިލުން ސިޓީ ފޮނުވާ ކަމަށް ބުނެ ވެސް ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު، 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހު ސިނަމާލެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓަށް ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ މާފުކޮށްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ޖޫރިމަނާ މާފުކޮށްދީފައި ވަނިކޮށް ސިޓީ ކައުންސިލުން އެގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، މި މައްސަލަ ބެލުމަށް ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މާލޭގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝްގެ އަރިހުގައި ރައީސް އެދިވަޑައިގަތެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ، ފްލެޓްތަކުގެ މެއިންޓެނަންސްގެ ހުރިހާ ކަމެއް، ލިފްޓުގެ މައްސަލަ އާއި ފާހާނަތަކުން ފެން ފޭބުން ފަދަ ކަންކަމަކީ ސީދާ ސިޓީ ކައުންސިލުން ބަލަހައްޓަން ޖެހޭ ކަންކަން ކަމަށެވެ. ފްލެޓްތަކުގެ މެއިންޓެނަންސަކީ ކައުންސިލްގެ ޒިންމާއެއް ނަމަވެސް، އެކަން ނުކުރެވި އޮތް އޮތުމާއި، އެތަނަށް ދައްކަން ހުރި ފައިސާގެ ކަންތައްތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށެވެ. މިހާރު މި މައްސަލަ ސިޓީ ކައުންސިލްގެ މައްޗަށް ދޫކޮށްލާފައި ބޭއްވުމަށް ވުރެ މާ ސީރިއަސް ވެފައިވާތީ، ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ ހައްލެއް ހޯދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައި، ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ވަނީ މި ބާވެފައިވާ ފްލެޓްތައް ތަޅާލައި، އަލަށް ފްލެޓްތައް އެޅުމަށް ނިންމަވާފައެވެ. މިގޮތުން، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ހޮންކޮންގުގެ އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީއާ އެކު އިމާރާތްތައް ޑިޒައިންކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ.

ސިޓީ ކައުންސިލުން އޭރު ހެދި އެއްބަސްވުމުގެ ދަށުން ޖުމްލަ 1،500 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވީ ނަމަވެސް، ފްލެޓުތައް އަޅަން ހަމަޖެހިފައިވާ ސަރަހައްދުގައި ހޭންޑްބޯޅަ ކޯޓު ހުރުމުގެ ސަބަބުން 3،310 އަކަ މީޓަރުގެ ސަރަހައްދެއް އުނިކުރަން ޖެހުމާއެކު ފްލެޓުގެ އަދަދު 1،360 އަށް މަދުކުރެވުނެވެ. މި އަހަރު ކުރީކޮޅުގައި ސިޓީ ކައުންސިލުން ބުނެފައި ވަނީ، މި ބާ އިމާރާތްތައް ތަޅާލާނީ މިހާރު އެތަންތަނުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެހުމުން ކަމަށެވެ.