ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓީޖީއެސްޓީން ލިބުނު ބޮޑު އާމްދަނީއާއެކު ބަޖެޓް ޑެފިސިޓް ހައިރާންވާ މިންވަރަކަށް ދަށަށް

ޓީޖީއެސްޓީން ލިބުނު ބޮޑު އާމްދަނީއާއެކު ބަޖެޓް ޑެފިސިޓް ހައިރާންވާ މިންވަރަކަށް ދަށަށް

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ، ދައުލަތުގެ މާލީ ހާލަތަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ހާމަވެއްޖެއެވެ.

މާލީ ވުޒާރާއިން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް 36 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 32.6 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް ފައިސާ، ޚާއްޞަކޮށް ޓީޖީއެސްޓީން ލިބުނު އަދަދު އިތުރުވުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޓީޖީއެސްޓީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 14.1 އިންސައްތައިގެ ކުރިއެރުމެކެވެ. މުޅި ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިއަނަށް އަރާފައިވާއިރު، މިއީވެސް މިދިޔަ އަހަރާ އަޅާބަލާއިރު 9.2 އިންސައްތައިގެ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވުމުގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާވެސް ވަނީ ފެންނަން ފަށާފައެވެ. ސަބްސިޑީތަކާއި ޕީއެސްއައިޕީގެ ޚަރަދުތައް ހަރުދަނާކުރުމުގެ ސަބަބުން، މިދިޔަ ހަފުތާގެ ނިޔަލަށް ޖުމްލަ ޚަރަދު ހުރީ 37.9 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރު ހިނގި 43.4 ބިލިއަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު 12.7 އިންސައްތައިގެ ދަށްވުމެކެވެ.

ތަރައްޤީގެ މަޝްރޫޢުތައް (ޕީއެސްއައިޕީ) އަށް ބަލާއިރު، މިހާތަނަށް 7.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް އެކަނިވެސް 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް 443 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި ހެޔޮ ބަދަލުތަކާއެކު، ދައުލަތުގެ ބަޖެޓް ޑެފިސިޓް ނުވަތަ ޚަރަދާއި އާމްދަނީގެ ފަރަގު ވަނީ އާދަޔާ ޚިލާފަށް ކުޑަކުރެވިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑެފިސިޓް 10.8 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 1.9 ބިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ. މިއީ 82.5 އިންސައްތައިގެ ރަނގަޅުވުމެކެވެ.