ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި، މި ސަރުކާރުން އެކި ކުންފުނިތަކާ ތަރައްގީގެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވިދާޅުވެއްޖެއެވެ.
މި ސުވާލު ކުރިއަށްއައީ، ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިތީ، ގަލޮޅުގެ ރައްޔިތަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މަޝްރޫއުތައް ހަވާލުކުރުމުގެ ހުރިހާ ކަމެއް ސަރުކާރުން ކުރިއަށްގެންދިޔައީ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން އެ ކުންފުނިތަކަށް ފައިސާ ދޫކުރާނީ އޮންނަ އުސޫލުތަކުގެ ތެރެއިން ލިޔެކިޔުން ފުރިހަމަކުރުމުން އަދި މަސައްކަތް ފުރިހަމަކުރާ މިންވަރަކުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLއެމަނިކުފާނު ވިދާޅުވި ގޮތުގައި ކުންފުނިތަކަށް އެޑްވާންސް ފައިސާ ދޫކުރާނީ ގެރެންޓީ ދިނުމުންނެވެ. އަދި އެއަށްފަހު މަސައްކަަތް ކުރިއަށްދާ މިންވަރަކުން ދޫކުރާ ޕޭމެންޓުތައް ދެމުންދާނީ މަސައްކަތް ނިމޭ މިންވަރަކަށް ބަލައިގެން ކަމުގައިވެސް ވިދާޅުވިއެވެ. މި އުސޫލުތަކަކީ ސަރުކާރުން ކޮންޓްރެކްޓްތައް ހަވާލުކުރުމުގައި އަބަދުވެސް ގެންގުޅޭ އުސޫލުތަކެއްކަން ފާހަގަކުރެއްވިއެވެ.
ރައީސްވަނީ މި މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮތުމުން، އެއިން އެއްވެސް ކުންފުންޏަކާމެދު ކަންބޮޑުވާންޖެހޭ ކަމެއް އޮތްތޯ ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ސަރުކާރުން ހަވާލުނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، "އެހެންނަމަވެސް އެ ވާހަކަ ފާހަގަކުރެއްވީމަ ބަލައިދޭނަން އެ ހަވާލުކުރެވުނު އެއްވެސް ކުންފުންޏަކީ އެއްވެސް ކަހަލަ ކަންބޮޑުވުމެއް އޮތް ކުންފުންޏެއްތޯ. އެއްވެސް ފަރާތަކާއި ހަވާލެއް ނުކުރާނަން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް." މި ސަރުކާރުގެ ސިޔާސަތަކީ ޕްރޮކިއުމެންޓްގެ ހުރިހާ މަރުޙަލާއެއް ގާނޫނާ އެއްގޮތަށް ކުރިއަށްގެންދިއުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފާއިތުވި ނޮވެންބަރު މަހުގެ ހަވަނަ ދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި ނުވަ ދާއިރާއަކުން 206 މަޝްރޫއެއް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ. މި މަޝްރޫއުތައް ހިންގާނީ 123 ރަށެއްގައެވެ. މި މަޝްރޫއުތަކަކީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހިންގާ މަޝްރޫއުތަކެކެވެ، މިއީ ސަރުކަރުން ބަޖެޓުން އެކަމަށް ފައިސާ ހަރަދުނުކޮށް، ކުންފުނިތަކުގެ އަމިއްލަ ފައިސާއިން ހިންގާ މަޝްރޫއުތަކެކެވެ.
Ads by MACL
