ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ރައީސް އަމުރުކުރައްވައިފި

ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ރައީސް އަމުރުކުރައްވައިފި

ރާއްޖޭގައި އުޅޭ ބިދޭސީންގެ ފަރާތުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ފެންނަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި ދަންވަރު 12:00 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ.

ރައީސް ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރެއްވި ގޮތުގައި، މި އަމުރު ތަންފީޒުކުރަން ފަށާނީ މިރެއިން (ބުދަ ދުވަހުގެ ރޭ) ފެށިގެންނެވެ. ރައީސްގެ އެންގެވުމުގައި ވަނީ ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު، ޢާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި އެމީހުންނާ ސުވާލުކުރުމަށް ފުލުހުންނަށް އިރުޝާދު ދެއްވާފައެވެ. އަދި މިގޮތަށް ބަލައި ފާސްކުރުމުގެ ތެރޭގައި ރާއްޖޭގެ ޤާނޫނާ ޚިލާފު ޢަމަލެއް ހިންގާކަން ފާހަގަވެއްޖެނަމަ، ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އަންގަވާފައެވެ.

https://twitter.com/MMuizzu/status/2001250950070104329?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2001250950070104329%7Ctwgr%5E442c146232271f1dc16c5ea94c09c24fecf139fc%7Ctwcon%5Es1_&ref_url=https%3A%2F%2Fdhiyares.com%2F89822

މިފަދަ ނިންމެވުމެއް ރައީސް ނިންމަވާފައި މިވަނީ، ގަލޮޅު ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ރައްޔިތުން ވަނީ، ދަންވަރު ގަޑީގައި މާލޭގެ އެކި ސަރަހައްދުތަކަށް ބިދޭސީން އެއްވެ، މުޖުތަމަޢުގެ އަދަބުތަކާ ޚިލާފު ކަންކަން ކުރަމުންދާކަމުގެ ޝަކުވާ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.

މިކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ، ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަކީ ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އަވަސް އިޖާބައެއް ދެއްވުމަކީ، ޤައުމު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތް މިންވަރު ހާމަވެގެންދާ ކަމެއްކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.