ބަންގްލަދޭޝްގެ އާރމީ މެޑިކަލް ކޮލެޖްގައި އެމްބީބީއެސް ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި
ބަންގްލަދޭޝްގެ މަޝްހޫރު އާރމީ މެޑިކަލް ކޮލެޖްގައި 2025-2026 ވަނަ އަހަރުގެ އެކަޑަމިކް އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ އެމްބީބީއެސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި ފުރުސަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ އާރމީ މެޑިކަލް ކޮލެޖްގެ ފަރާތުންނެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައިވާ މަޢުލޫމާތު ޝީޓުން ލިބެން ހުންނާނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން އެ މަޢުލޫމާތުތައް ރަނގަޅަށް ދިރާސާކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ފުރުސަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ އީމެއިލް ލިންކާއި ވެބްސައިޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެޕްލިކޭޝަން ހުށަހެޅުމަށް http://foreignstudents.dgme.gov.bd/login މި އީމެއިލް ލިންކު ބޭނުންކުރެވޭނެއެވެ. އިތުރު މައުލޫމާތު www.dgme.gov.bd މި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
Ads by BMLމިފަދަ ކޯސްތަކަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ޔަގީންކުރުން މުހިންމުކަމަށް މިނިސްޓްރީން ވަނީ ހަނދާންކޮށްފައެވެ. އަދި ޚާއްސަކޮށް ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތައް ކަމަށްވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) ފަދަ ކައުންސިލްތަކުން ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
Ads by MACL
