ޔާމީންގެ ފުރިހަމަ ތާއީދާއެކު މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު ވާދަކުރަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓިކެޓުގައި، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާނެކަން، ނޭޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ރަސްމީކޮށް ހާމަކުރައްވައިފިއެވެ.
މިކަން އިއުލާނުކުރެއްވީ "ރިސެޓް" ގެ ނަމުގައި ޕީއެންއެފުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ. މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރެއްވި ޒަރިޔަންދު، ޔާމީންގެ ފިކުރާ ގުޅިވަޑައިގެން މޭޔަރު ކަމަށް ނުކުމެވަޑައިގަތުމަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ބަދަލެކެވެ.
އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަދި ކުރީގެ މަޝްހޫރު ގޯލް ކީޕަރު ޒަރިޔަންދު ވިދާޅުވީ، އިންތިހާބުގައި ވާދަކުރެއްވުމުގެ ހިތްވަރު އޭނާއަށް ލިބިވަޑައިގެންނެވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ. އަދި އޭނާގެ ނަޒަރުގައި ޔާމީނަކީ ގައުމުގެ ތަރައްގީގެ ހަގީގީ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށް ވެސް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.
Ads by BMLމާލޭގެ މޭޔަރުކަމުގެ ރޭހަށް ޒަރިޔަންދު ވެދެވަޑައިގެންނެވިއިރު، މި މަގާމަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެހެން ކެންޑިޑޭޓުންގެ ތެރޭގައި ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅުން ހިމެނެއެވެ. އެގޮތުން ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މި ގޮނޑިއަށް ވާދަކުރައްވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ.
ހަމައެއާއެކު، އިދިކޮޅު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރުމަށްޓަކައި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިހާރުގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ނިންމަވާފައެވެ.
Ads by MACL
