ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހދ. ހަނިމާދޫގައި ރަސްމީކޮށް ފަށައިފި
މޯލްޑިވްސް އިމިގްރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ހދ. ހަނިމާދޫގައި މި ޚިދުމަތް ރަސްމީކޮށް ތައާރަފުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއްގެ ގޮތުގައި، ރައްޔިތުންނަށް ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ގާތްކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ފެށުނު މި ޚިދުމަތް، އިމިގްރޭޝަނުން ބުނީ ރޭގެ ވަގުތެއްގައި ހަނިމާދޫގައި ފެށިފައިވާ ކަމަށެވެ. މީގެ މަޤްޞަދަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ބުރަނުއުފުލާ، ވީހާވެސް ފަސޭހައިން މިފަދަ އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ދިނުމެވެ. މި ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ދެ ޚިދުމަތް ވެސް މިހާރު ދެމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެ އެވެ. ހަނިމާދޫގައި މި ޚިދުމަތް ފެށުމުގެ ކުރިން އެންމެ ފަހުން ޕާސްޕޯޓުގެ ޚިދުމަތް ތައާރަފްކޮށްފައިވަނީ ހއ. ކެލާގައެވެ.
Ads by BMLދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. މީގެ ބޭނުމަކީ ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ކުޑަކުރުމެވެ.
މި ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެ އެވެ. ޕާސްޕޯޓު ނުވަތަ އައިޑީ ކާޑު ހެއްދުމަށް މާލެއަށް ދަތުރުކުރަންޖެހުމުން ރައްޔިތުންނަށް ކުރިމަތިވާ މާލީ އަދި ވަގުތުގެ ދަތިކަން މި ޚިދުމަތްތައް ރަށު ފެންވަރުގައި ލިބެން ފެށުމުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ. މިއީ ސީދާ ރައްޔިތުންގެ ދިރިއުޅުމަށް ފޮނި ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް ސަރުކާރުން ފާހަގަކުރެ އެވެ.
މީގެ އިތުރުން، ދިވެހިން ގިނައިން ދިރިއުޅޭ އެހެން ގައުމުތަކުގައި ވެސް ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އިނގިރޭސިވިލާތާއި އިންޑިއާގައި މި ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މެލޭޝިއާ އަދި ލަންކާގައި މިހާރު އައިޑީކާޑުގެ ޚިދުމަތް ވަނީ ފަށައިފަ އެވެ.
Ads by MACL
