ބިދޭސީންގެ މައްސަލަ: 9،600 އަށްވުރެ ގިނަ މީހުން ޑީޕޯޓްކޮށް، ގަވާއިދަށް ފެއްތުމަށް 3 މަހުގެ ފުރުސަތެއް!
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ ބޮޑު އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ނުވަ ހާހަށްވުރެ ގިނަ ބިދޭސީން ފޮނުވާލާފައިވާއިރު، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ގަވާއިދުގެ ތެރެއަށް ވަނުމަށް އަންނަ އަހަރު ޚާއްސަ ފުރުސަތެއް ހުޅުވާލަން ނިންމައިފިއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ނިމިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން މިއަދާ ހަމައަށް އެކަނިވެސް 509 ބިދޭސީން ރާއްޖެއިން ފޮނުވާލާފައިވާ ކަމަށެވެ. މިއީ ފިންގަރ ޕްރިންޓް ދިނުމަށް އިންކާރުކޮށް ނުވަތަ ނުދީ ތިބި މީހުންނެވެ. މި އަދަދާއެކު މި ސަރުކާރުން ފެށި މަސައްކަތުގައި މިހާތަނަށް ޖުމްލަ 9،697 ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ.
"އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ކުރިއަށްގެންދާ މި މަސައްކަތުގެ ތަފްސީލު ދެއްވަމުން ވަޒީރު ފާހަގަކުރެއްވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި މައްސަލަ އޮތީ އަތުނުޖެހޭ ހިސާބަށް ގޯސްވެފައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެއްކުރި މައުލޫމާތުން، ދެ ލައްކަ ދެހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ މިހާރު ނެގިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
Ads by BMLތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ދެވަނަ މަރުހަލާ އަންނަ ޖެނުއަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި، ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މިއީ ވަކި އެމްޕްލޮޔަރެއް ނެތި މަގުމަތިވެފައިވާ މީހުންނާއި ފިލައިގެން އުޅޭ މީހުންނަށް، ގާނޫނީ އިމުގެ ތެރެއިން ސައްހަ ވޯކް ޕާމިޓެއް ހަދައި ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭ ފުރުސަތެކެވެ. މި މުއްދަތުގައި އެމްޕްލޮޔަރުންނަށް ސިސްޓަމްގެ ތެރެއިން ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ އެންމެ ފަހު މަރުހަލާ ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ. ސަރުކާރުގެ އަމާޒަކީ އެ ތާރީޚުގެ ނިޔަލަށް، ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއަކީ ސައްހަ ލިޔެކިޔުން އޮތް އަދި އެމީހަކާ ހަވާލުވާނެ ޒިންމާދާރު ވެރިއަކު ހުރި މީހަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
Ads by MACL
