އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީ ދިނުމުގެ އުސޫލު މުރާޖަޢާކުރުމަށް އެމްއެމްބީސީން މަސައްކަތް ފަށައިފި
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާ ގުޅޭ އުސޫލަށް މީޑިއާތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ފަށައިފި އެވެ.
މި މަސައްކަތް ފަށާފައިވަނީ ޔޫތު މިނިސްޓްރީއާ އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށް، މާލީ އެހީ ދިނުމުގެ ކަންކަން އެމްއެމްބީސީއާ ހަވާލުކުރުމާ އެކު، ކުރީގައި އުފެދުނު ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގަ އެވެ.
ޔޫތު މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި، މި އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީ، ގާނޫނީ އޮނިގަނޑުގެ ތެރެއިން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެމްއެމްބީސީއާ ހަވާލުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، މާލީ އެހީ ލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން ހިއްސާކުރުމާއެކު، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ އެވެ.
Ads by BMLމި މަސައްކަތުގެ ތެރެއިން، އެމްއެމްބީސީން ވަނީ ޔޫތު މިނިސްޓްރީން ކުރިން އެކުލަވާލާފައިވާ އުސޫލު މުރާޖައާކުރުމަށް، މީޑިއާތަކަށް އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލާފަ އެވެ. އަދި، އުސޫލަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2:00 އަށް ބައްދަލުވުމެއް ތާވަލުކޮށް، މީޑިއާތަކަށް ދައުވަތު އަރުވާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކުރެ އެވެ.
މީގެ ކުރިން، އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމި ނިންމުމާ މެދު ބޮޑެތި ޝަކުވާތަކެއް އުފެދިފައިވެ އެވެ. މަސްލަހަތު ފުށުއެރުމާއި އިންސާފުވެރި އުސޫލެއް ނެތި ފައިސާ ދޭން ނިންމި ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަމައަށް ވެސް ޝަކުވާތައް ދިއުމާ ގުޅިގެން، އެ ނިންމުން މިދިޔަ އޮކްޓޯބަރު މަހު ބާތިލްކޮށް، އެ މަސައްކަތް މީޑިއާ ކޮމިޝަނާ ހަވާލުކުރެވުނެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިމިވަނީ، މި މަސް ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދޫކުރަން ރައީސް އޮފީހުން ޔޫތު މިނިސްޓްރީއަށް އަންގާފައިވަނިކޮށެވެ. މީގެ ސަބަބުން މިހާރު ކުރިއަށްދާ މުރާޖަޢާކުރުމުގެ މަސައްކަތަށް އިތުރު އަވަސްކަމެއް ލިބި، މީޑިއާތަކުގެ ހިޔާލު ހޯދުމަށް ފަހު، އަވަސް މުއްދަތެއްގެ ތެރޭގައި އުސޫލު ފައިނަލްކޮށް ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެ އެވެ.
Ads by MACL
