ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ ރައްޔިތެއް

ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ ރައްޔިތެއް

މާލެ އަތޮޅު ގުޅީފަޅު ކައިރިން ކަނޑުމަތިން އިއްޔެ މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ޗައިނާއަށް ނިސްބަތްވާ، 38 އަހަރުގެ ޗެންގް ޖިއާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އޭނާ ކަނޑަށް ވެއްޓިފައިވަނީ ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި އިއްޔެ މެންދުރުފަހު 12:48 ހާއިރުއެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ޗެންގް ޖިއާ ކަނޑަށް ވެއްޓުމާއެކު ލޯންޗުގައި ތިބި މީހުން ވަނީ އޭނާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް، އެވަގުތު އޭނާ ކަނޑުގައި ފެނުނު ނަމަވެސް، ފަހުން ނުފެނިގެން އެ ސަރަޙައްދުން ދަތުރުކުރި އެހެން ލޯންޗުތަކަށް މައުލޫމާތު ދީ، އެމީހާ ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ.

އޭގެ ފަހުން، އެ މައްސަލަ ކޯސްޓްގާޑަށް ހިއްސާކުރުމުން، ކޯސްޓްގާޑުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. މި ހަރަކާތްތަކުގެ ތެރެއިން ޗެންގް ޖިއާ މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ މެންދުރުފަހު 13:32 ހާއިރު، ގުޅީފަޅު ކައިރިން ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގޭ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އިތުރަށް ތަހުޤީޤުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.