ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޣައްޒާގައި ފިނިގަދަވެ އަށްމަހުގެ ތުއްތު ކުއްޖަކު ޝަހީދުވެއްޖެ

ޣައްޒާގައި ފިނިގަދަވެ އަށްމަހުގެ ތުއްތު ކުއްޖަކު ޝަހީދުވެއްޖެ

ޣައްޒާއަށް މިހާރު ކުރިމަތިވެފައިވާ "ބައިރަން" ތޫފާނުގެ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ފޭލިގެއެއްގައި ފެންބޮޑުވެ، ފިނިގަދަވުމުގެ ސަބަބުން އުމުރުން އެންމެ އަށް މަހުގެ ތުއްތު ކުއްޖަކު ޝަހީދުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާން ޔޫނިސްގައި ހިނގި މި ހިތާމަވެރި ހާދިސާގައި ޝަހީދުވެފައިވަނީ، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި ހިޖުރަކޮށްފައިވާ އާއިލާއެއްގެ ކުއްޖެއް ކަމަށްވާ ރަހަފް އަބޫ ޖަޒާރެވެ.


ރޮއިޓާސް ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެމުން ރަހަފްގެ މަންމަ، ހެޖާރު އަބޫ ޖަޒާރު ބުނެފައިވާ ގޮތުގައި، ރޭގަނޑު ނިދަން އޮތްތަނުން ހޭލެވުނީ ފޭލިގެ ތެރެއަށް ވާރޭވެހި ވައިގަދަވުމުންނެވެ. އަދި އޭރު ފޭލިގެ ތެރޭގައި ފެންބޮޑުވެފައިވާ ކަމަށާއި، ކުއްލިއަކަށް ފިނިގަދަވެގެން ދަރިފުޅު މަރުވީ ކަމަށް އޭނާ ކިޔައިދިނެވެ.

މުޅި ޣައްޒާއަށް ކުރިމަތިވެފައިވާ މި ތޫފާނުގެ ސަބަބުން، ހިޖުރަކޮށްފައިވާ މީހުން ދިރިއުޅޭ ފޭލިގެ ކޭމްޕުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ހާމަކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެހީއަށް އެދި 2,500 އަށްވުރެ ގިނަ ކޯލު އެ އިދާރާއަށް ލިބިފައިވާއިރު، ޣައްޒާ ސިޓީގައި ތޫފާނުގެ ސަބަބުން ތިން އިމާރާތެއް ވަނީ ވެއްޓިފައެވެ.

މިހާރުވެސް ޣައްޒާގެ ލައްކައެއްހާ ރައްޔިތުން ވަރަށް ބަލިކަށި ފޭލިގެތަކުގައި ދިރިއުޅެމުންދާއިރު، ފިނި މޫސުމަށް ބޭނުންވާ މުހިންމު ސާމާނު ޣައްޒާއަށް ވެއްދުމަށް އިސްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ.


އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ފޭލިގެއާއި، ބްލެންކެޓް އަދި ހޫނު ހެދުން ފަދަ ޒަރޫރީ ތަކެތި ހިމެނޭ 6,500 އަށްވުރެ ގިނަ ޓްރަކް ޣައްޒާއަށް ނުވަދެވި ބޯޑަރު ސަރަޙައްދުގައި ތާށިވެފައި އެބަހުއްޓެވެ.

ކަމާބެހޭ ބައިނަލްއަޤްވާމީ އިދާރާތަކުން ވަނީ މި ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔުނިސެފް އަދި އދ. ގެ އިންސާނީ އެހީގެ އޮފީހުން އިންޒާރު ދީފައިވާ ގޮތުގައި، ފައިވާނަށް ނާރާ ކުޑަކުދިން ޗަކައިގެ ތެރޭގައި އުޅެމުންދާތީ ފެނުން ފެތުރޭ ބަލިތައް އިތުރުވުމުގެ ބިރު ބޮޑެވެ.


މީގެ އިތުރުން، އެކަށީގެންވާ ހިޔާވަހިކަމާއި ހޫނު ހެދުން ނުލިބޭނަމަ، "ހައިޕޯތާމިއާ" ނުވަތަ ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެގެން އިތުރު ކުދިން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.