އާ ޓާމިނަލް އިން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އިޓަލީގެ ގައުމީ އެއާލައިން، އައިޓީއޭ އެއާވޭސްއަށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ. މި މަހުގެ 20 ވަނަ ދުވަހު ފެށުނު މި ހިދުމަތާއެކު ވީއައިއޭގެ އާ ޓާމިނަލުން ބައިނަލްއަޤްވާމީ އެއާލައިންތަކަށް ދޭ ހިދުމަތްތައް އިތުރަށް ފުޅާވެ، އެއަރޕޯޓްގެ ކެޕޭސިޓީ ވަނީ އިތުރުވެފައެވެ. މި ހިދުމަތް ފެށުމުގެ ރަސްމިއްޔާތެއް ޓާމިނަލް 1 ގައި ބާއްވާފައިވެއެވެ.
އައިޓީއޭ އެއާވޭސްއަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމްއެވެ. މި ރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރ، ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އައިޓީއޭ އެއާވޭސްގެ ކައުންޓަރުތައް ވަނީ ހުޅުވައިފައެވެ. އަދި ޓާމިނަލް 1 އިން އެ އެއާލައިނުން ފުރި ފުރަތަމަ 60 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތަކެއް ވަނީ ދީފައެވެ. މީގެ އިތުރުން، ޓާމިނަލް 1 އަށް ކައިރި ކުރި އައިޓީއޭ އެއާވޭސްގެ ފުރަތަމަ ފްލައިޓް ކަމަށްވާ AZ776 އިން ރާއްޖެ އައި 290 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
Ads by BMLއައިޓީއޭ އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2022 ގައެވެ. މި އެއާލައިން ހިމެނުމާއެކު ޓާމިނަލް 1 އިން މިހާރު ދަނީ ޖުމުލަ 35 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
ޓާމިނަލް 1 އިން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އިޓަލީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
Ads by MACL
