ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަރުކާރާއިއެކު ބަދަހި ގުޅުމެއް ބާއްވާ ބަޔަކާއިއެކު އެމްޑީޕީން މަސައްކަތް ނުކުރާނެ: ރީކޯ މޫސަ

ރީކޯ މޫސަ
ރީކޯ މޫސަ

ސަރުކާރު ހިނގާ ޕާޓީއާއެކު ބަދަހި ގުޅުމެއް އޮންނަ އެއްވެސް ބަޔަކާއިއެކު އެމްޑީޕީން މަސައްކަތް ކުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއްނޫންކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ގިނަ ވޯޓުތަކެއް ގެއްލުވާލި ބަޔަކާއި ގުޅުމުގެ ކުރިން އެމްޑީޕީގެ އާންމުމެމްބަރުންގެ ހިޔާލު ހުރިގޮތް ހޯދާނެކަމަށެވެ.

ސަރުކާރުހިނގާ ޕާޓީއާއެކު ބަދަހިގުޅުމެއް އޮންނަ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު އެމްޑީޕީން ގުޅުމަކީ މިޕާޓީ ޤަބޫލުކުރާ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން. ނިމިދިއަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ގިނަވޯޓުތަކެެއް ގެއްލުވާލި ބަޔަކާ ގުޅުމުގެ ކުރިން ކޮންގްރެސް އެއްބާއްވާ މެމްބަރުން ދެކޭގޮތް ހޯދާނަން .އެމްޑީޕީގެޗެއަރ އަކަށްހުންމީހަކަށް ޕާޓީ ގެޢާއްމުމެމްބަރުނގެ ރޫޙާ ޚިލާފައް ވެރިކަންކުރާޕާޓީގެ ބައވެރިންނާ އެއްގަލައް އެރުވުމުގެ އެއްވެސް ޙައިސިއްޔަތެއް ނުލިބޭނެ.

ރީކޯ މިހެން ވިދާޅުވީ ރައީސް ނަޝީދު ކުރެއްވި ޕޯސްޓަކަށް ފައްޔާޒު ދެއްވި ރައްދާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް މިވަގުތައް އެންމެ ރަނގަޅީ އެމްޑީޕީ އަދި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުންކަމަށެވެ.

އެއާއި ގުޅިގެން ފައްޔާޒު ވިދާޅުވީ އެއީ ރަނގަޅު ވިސްނުމެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ފެނިގެންދަނީ ވަރަށް ފޯރިގަދަކޮށެވެ.