ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހިޔާ ފްލެޓު ކުލި ނުދެއްކުމުގެ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފި

ހިޔާ ފްލެޓު ކުލި ނުދެއްކުމުގެ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުން ލަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފި އެވެ. މިއީ ކުލި ދެއްކުމުގައި ދަތިތައް ކުރިމަތިވެފައިވާ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ސިޔާސަތުގެ ދަށުން އަޅާފައިވާ ފިޔަވަޅެކެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ވެސް ވަނީ ކުޑަކޮށްފަ އެވެ.

މި ފިޔަވަޅު އެޗްޑީސީގެ އިސް އޮފިޝަލަކު މިހާރު ނޫހަށް ކަށަވަރުކޮށްދެއްވިއެވެ. ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މާފުކުރެވުނީ، 2024 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ނޮވެމްބަރު މަސް ނިމުމާ ހަމައަށް އަރާފައިވާ ޖޫރިމަނާތަކެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ޖޫރިމަނާތައް ވެސް މާފުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. މިފަހަރު މާފުކޮށްދިން ޖޫރިމަނާގެ އަދަދު 1.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3,984 ރުފިޔާއެވެ. މީގެ އިތުރުން 1,000 ރުފިޔާ މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ ބައި އެކުލެވޭއިރު، ކޮންމެ މަހަކު އެޗްޑީސީއަށް 4,984 ރުފިޔާ ދައްކަންޖެހެއެވެ. އެޗްޑީސީން މިދިޔަ ޖުލައި މަހު އާންމުކުރި ހިސާބުތަކަށް ބަލާއިރު، ހިޔާ މަޝްރޫއުގެ ދަށުން 7,000 ފްލެޓު ކުއްޔަށް ދޫކޮށްފައިވާއިރު ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާއަށް އަރާކަމަށް ވަނީ ހާމަކުރެވިފައެވެ. އޭގެތެރެއިން 70 އިންސައްތައަކީ ކުއްޔެވެ.

އެޗްޑީސީން ހުޅުމާލޭގައި ބަލަހައްޓާ ޖުމްލަ 8,511 ހައުސިން ޔުނިޓު ހިމެނޭއިރު، އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3,219 ފްލެޓުންނެވެ. ބާކީ 5,099 ފްލެޓުން ކުލި ނުދައްކާކަން އެ ކުންފުނީގެ ހިސާބުތަކުން ދައްކައެވެ. މި މައްސަލައަކީ ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4,000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ވެސް ވަނީ ކުޑަކޮށްފައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި 7,000 ރުފިޔާއިން 6,000 ރުފިޔާއަށް ދަށްކޮށްފައިވާއިރު، ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި 9,000 ރުފިޔާއިން 8,500 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގަމުން އައި 1,000 ރުފިޔާއަށް ބަދަލެއް ނާދެއެވެ.

ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ނަގަން ނިންމާފައިވާ 15,000 ރުފިޔާ 6,000 ރުފިޔާއަށް ކުޑަކޮށްފައިވާއިރު، ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ 25,000 ރުފިޔާ 8,500 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިހާތަނަށް ދައްކާފައިވާ ސެކިއުރިޓީ ޑިޕޮޒިޓުގެ ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިކުރެވޭނެއެވެ.