މަސްތުވާތަކެއްޗާ ގުޅިގެން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފި
މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ވަރަށް ބޮޑު އޮޕަރޭޝަނެއްގައި، ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާ އެކު 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓަކުން ކަމަށާއި، މިތަންތަން ބަލައިފާސްކުރުމުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކޮށް އަދި ގެންގުޅޭ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، އުމުރުން 22 އަހަރުގެ ޙަސަން އަނަސް، އަތަގަސްދޮށުގެ / ދޫޑިގަން ޏ.ފުވައްމުލަކު، އުމުރުން 22 އަހަރުގެ މޫސާ ޝަހީމް، އާވެލި / ބ. ގޮއިދޫ، އުމުރުން 25 އަހަރުގެ ޙުސައިން ޝަރުވާން އަދި ނޭޕާލް ރައްޔިތެއް ކަމަށްވާ އުމުރުން 21 އަހަރުގެ ނިޝާ ރާއި އެވެ. މި ހަތަރު މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި އެވެ.
Ads by BMLފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، އެތަކެތީގެ ޖުމްލަ ބަރުދަނުގައި 377.39 ގްރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިގެން ފުލުހުންނަށް ލިބުނު ކާމިޔާބީއެކެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އަނަސްއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މޫސާ ޝަހީމްއާއި ޙުސައިން ޝަރުވާންއަށް ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. ނޭޕާލް ރައްޔިތު ނިޝާ ރާއީއަށް ފުރަތަމަ އެއް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ނިޝާ ރާއީއަށް ފުރަތަމަ ދީފައިވާ އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، ދެވަނަ ފަހަރަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by MACL
