މާލީ ދާއިރާ އިންގިލާބީ ބަދަލަކަށް އެމްއެމްއޭއިން ބޮޑު ތިން މަޝްރޫއެއް ފަށައިފި
ރާއްޖޭގެ މާލީ ނިޒާމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މުހިއްމު ތިން މަސައްކަތެއް ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އިފުތިތާހުކުރި މި މަޝްރޫއުތަކަކީ ރާއްޖޭގެ އިގްތިސާދީ ކުރިމަގު ބަދަލުކޮށްލާނެ "އިންގިލާބީ" ފެށުމެއްގެ ގޮތުގައި އެމްއެމްއޭއިން ސިފަކުރެއެވެ.
އެމްއެމްއޭއިން މިއަދު އަލަށް ފެށި ތިން މަސައްކަތަކީ "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ"، "ޕޭމެންޓް މޯލްޑިވްސް" އަދި "ނޭޝަނަލް ސަސްޓައިނަބަލް ފައިނޭންޝަލް ރޯޑް މެޕް" އެވެ. މި މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވަނަރު އަހްމަދު މުނައްވަރު ވިދާޅުވީ، މީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގައި މާލީ ދާއިރާގެ ހިއްސާ މިހާރު ހުރި 6 އިންސައްތައިން 12 އިންސައްތައަށް އިތުރުކުރުން ކަމަށެވެ.
މާލީ ހިދުމަތްތަކުގައި އެންމެން ބައިވެރިކުރުން
ގަވަނަރު ފާހަގަކުރެއްވި ގޮތުގައި، 2022 ވަނަ އަހަރުގެ ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގެ އަންހެނުންގެ އާބާދީގެ 14 އިންސައްތަ މީހުން އަދިވެސް ތިބީ މާލީ ހިދުމަތްތަކާ ދުރުގައެވެ. އަދި އިސްރަށްވެހިންގެ ތެރެއިން ޑިޖިޓަލް ބޭންކިން ބޭނުންކުރަނީ އެންމެ 38 އިންސައްތަ މީހުންނެވެ. މީގެ އިތުރުން އަމިއްލަ މަސައްކަތްކުރާ 22 އިންސައްތަ މީހުން މާލީ އެހީތެރިކަން ހޯދުމަށް ނުރަސްމީ ނިޒާމުތަކަށް ބަރޯސާވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއަދު އިފުތިތާހުކުރި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އަކީ މި ހުރިހާ ފަރާތްތަކެއް ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވެއްދުމަށް އެކުލަވާލާފައިވާ މަގުޗާޓެކެވެ.
Ads by BMLޑިޖިޓަލް ޕޭމެންޓަށް ބޮޑު ކުރިއެރުމެއް
ރާއްޖޭގެ މާލީ މުއާމަލާތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އުފެއްދި "ޕޭމެންޓް މޯލްޑިވްސް" އަކީ މި ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ގަވަނަރު ވިދާޅުވި ގޮތުގައި، މީގެ ހަ އަހަރު ކުރިން ޗެކު މެދުވެރިކޮށް ކުރި 40 އިންސައްތަ މުއާމަލާތް މިހާރު ވަނީ 6 އިންސައްތައަށް ދަށްވެފައެވެ. އަދި "ފަވަރަ" ނިޒާމުގެ ސަބަބުން ޑިޖިޓަލް މުއާމަލާތްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން އޭނާ ހާމަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު 23 ބިލިއަން ރުފިޔާގެ މުއާމަލާތް ފަވަރަ މެދުވެރިކޮށް ހިންގާފައިވާއިރު، މިއަހަރު އެ އަދަދު 48 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ދެމެހެއްޓެނެވި މާލީ ނިޒާމެއް
ތިމާވެށީގެ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް "ނޭޝަނަލް ސަސްޓައިނަބަލް ފައިނޭންޝަލް ރޯޑް މެޕް" އެހީތެރިވެދޭނެއެވެ. މިއީ ގައުމީ ތަރައްގީގެ އަމާޒުތަކަށް ބޭނުންވާ ކެޕިޓަލް ނުވަތަ ރައުސުލްމާލު ހޯދުމަށް މަގުފަހިކޮށްދީ، ވިލުންތެރި ގައުމެއް ބިނާކުރުމަށް އެމްއެމްއޭއިން ފެށި މުހިއްމު މަސައްކަތެކެވެ.
މި ރަސްމިއްޔާތުގައި ގަވަނަރު ވަނީ "ޕޭމެންޓް މޯލްޑިވްސް" ކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ބޭންކުތަކާއި މާލީ އިދާރާތަކަށް ހުޅުވާލައްވާފައެވެ. މިއަދު މި ބިންގާ އެޅުނު މަސައްކަތްތަކަކީ ޒަމާނީ، ޑިޖިޓަލް އަދި ހުރިހާ ރައްޔިތުން ޝާމިލުވާ ފަދަ މާލީ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މުހިއްމު އިންވެސްޓްމެންޓެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
Ads by MACL
