ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް ބައެއް ސަރަހައްދުތަކުގެ ވައި ނުސާފުވެއްޖެ

ސިއްހަތަށް ނުރައްކާވާ މިންވަރަށް ބައެއް ސަރަހައްދުތަކުގެ ވައި ނުސާފުވެއްޖެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މާލޭ ސަރަޙައްދުގެ ވިލިމާލެއާއި ދ. ކުޑަހުވަދޫ ހިމެނޭ ސަރަޙައްދުގެ ވައިގެ ކޮލިޓީ ވަނީ އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަކަށް ދަށްވެފަ އެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ މި ސަރަޙައްދުތަކަށް ރެޑް އެލާޓް ނެރެ، ވައި ނުސާފުވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ ނުރައްކާތަކަށް އާންމުން ހޭލުންތެރިކޮށްފަ އެވެ. މިއީ މިފަހުން ރާއްޖޭގެ ވައި އެންމެ ބޮޑަށް ނުސާފުވި އެއް ފަހަރެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހުރީ 170 ގައެވެ. އަދި ދ. ކުޑަހުވަދޫ ހިމެނޭ ސަރަހައްދުގެ އޭކިއުއައި ހުރީ 165 ގައެވެ. ވައި ނުސާފު މިންގަނޑު 150 އިން 200 އަށް އަރައިފިނަމަ އެއީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު ބޮޑު، އަދި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާތެރިކަން އެންމެންނަށް ވެސް އޮތް ޙާލަތެކެވެ. މިހާލަތުގައި ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

މީގެ އިތުރުން، ށ. ފުނަދޫ އާއި ލ. ގަން އަދި އައްޑޫ ސިޓީގެ ވައިގެ ކޮލިޓީ ހުރީ މެދުމިނެއްގައެވެ. އެޗްޕީއޭއިން މިސަރަޙައްދުތަކަށް ނެރެފައިވަނީ ރިނދޫ އެލާޓެވެ. މިފަދަ ހާލަތެއްގައި ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި، ޚާއްސަކޮށް ނާޒުކު ހާލުގައިވާ ފަރާތްތައް (ކުޑަކުދިން، މުސްކުޅިން، ނޭވާލާ ނިޒާމުގެ ބަލި ހުންނަ ފަރާތްތައް) ބޭރުގައި އުޅުމުން ދުރުވާން އެޗްޕީއޭއިން އިރުޝާދުދެ އެވެ.

ޢާންމުކޮށް އިރުވައި މޫސުމުން ފެށިގެން މި ދުވަސްވަރު ރާއްޖޭގެ، ޚާއްސަކޮށް މާލެ ސަރަޙައްދުގެ ވައި ނުސާފުވުމުގެ މައްސަލަ ދިމާވެއެވެ. ނަމަވެސް، ފަހަކަށް އައިސް ކޮންމެ އަހަރަކު ވެސް މި ހާލަތު ދަނީ އިތުރުވެ ބޮޑުވަމުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ ތިމާވެށީގެ ބަދަލުތަކާއި ސަރަޙައްދީ މަސައްކަތްތަކުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ބެލެވެ އެވެ.

https://twitter.com/HPA_MV/status/2003045111719244186?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2003045111719244186%7Ctwgr%5E31afb5fd5a1a2bda824e28b91268f887381ce9f6%7Ctwcon%5Es1_&ref_url=https%3A%2F%2Fmmtv.mv%2F10906

އެޗްޕީއޭއިން އާންމުންނަށް އިލްތިމާސްކުރަނީ މި ދަނޑިވަޅުގައި ސިއްހީ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށެވެ. ވައި ނުސާފު ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކު އެޅުމަށާއި، ގޭތެރޭގައި ވެސް ވައި ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް އިރުޝާދުދެ އެވެ. އަދި ނޭވާލާ ނިޒާމަށް ނޭދެވޭ އަސަރެއް ކުރާނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެދެ އެވެ.