މިނިސްޓްރީން ބޮޑު ނިންމުމެއް: އުޅަނދު ރަޖިސްޓްރީކުރުމުގައި ގަރާޖުގެ ލާޒިމުކަން ލުއިކޮށްފި
ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން އަދި ވެރިފަރާތް ބަދަލުކުރުމުގެ މަރުހަލާގައި ގަރާޖު ހުއްދަ ނެގުމަށް ލުއިތަކެއް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ. މި ނިންމުމަކީ އުޅަނދުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމާފައިވާ ކަމެއްކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ނެރުނު އިޢުލާނެއްގައިވާ ގޮތުން، ގަރާޖު ލާޒިމުކުރުމުގެ ކުރިން، އެބަހީ 2009 ވަނަ އަހަރުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، ގަރާޖު ލާޒިމުކުރި ފަހުންވެސް ޞައްޙަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާ ނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލުކޮށްދޭނެއެވެ.
މީގެއިތުރުން، ޞައްޙަ ގަރާޖަކާއެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ، އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު، އެ އުޅަނދުގެ ވެރިފަރާތް ބަދަލުކުރެވޭނެއެވެ. މިއީ އުޅަނދު ވެރިފަރާތް ބަދަލުކުރުމުގެ މަރުޙަލާގައި ދިމާވާ ބައެއް ދަތިތަކަށް ދެވުނު ހައްލެކެވެ.
Ads by BMLއާ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައިވެސް މިނިސްޓްރީން ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ. ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުޙަލާގައި މިހާރު މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދަ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޭނުން ނުވާނެއެވެ. މިކަމުގެ ސަބަބުން ގަރާޖު ހުއްދަ ހޯދުމަށް ދާންޖެހޭ މަރުޙަލާތައް ކުރުވެގެންދާނެއެވެ.
އެހެންކަމުން، އުޅަނދު ރަޖިސްޓްރީ ކުރުމަށްޓަކައި ހަމައެކަނި ހުށަހަޅަންޖެހޭނީ އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި، އެ ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެވެ. މި ބަދަލަކީ މުއާމަލާތްތައް ފަސޭހަކޮށް، ބިޔުރޯކްރެސީ ކުޑަކުރުމަށް އެޅުނު ފިޔަވަޅެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މި ނިންމުމަށް ޢަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލުތަކުގެ ސަބަބުން، ޚާއްސަކޮށް މާލެ ސަރަހައްދުގައި އުޅަނދުފަހަރު ރަޖިސްޓްރީކުރުމާއި ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ގިނަ ދަތިތަކަކަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
Ads by MACL
