ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން: ރައީސް މުޢިއްޒު

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން: ރައީސް މުޢިއްޒު

ގައުމުގެ ކުރިމަގު އުޖާލާ ކުރެވޭނީ ޒުވާނުންގެ އަޑު އަހައިގެން ކަމަށާއި، މި ސަރުކާރުން ޒުވާނުންގެ ވިސްނުމާއި ބައިވެރިވުން ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގެ ތެރެއިން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި، ގައުމީ ތަރައްގީގައި ޒުވާނުންގެ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނަކީ ގައުމު ކުރިއެރުވުމުގައި މިއަދުވެސް އަދި އަމުދުން މާދަމާވެސް އެންމެ މުހިންމު ބައިވެރީން ކަމުގައެވެ. އެހެންކަމުން، ގައުމަށް އުޖާލާ މާދަމާއެއް ހޯދައިދެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޒުވާނުންގެ ކޮންމެ ޚިޔާލެއް ވެސް އެމަނިކުފާނަށް ވަރަށް މުހިންމު ޚިޔާލެއް ކަމަށާއި، ޒުވާނުންނާ ބައްދަލުވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކަންކަން ނިންމާއިރު ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާތަނަށް އެފަދަ ކަންކަން ކުރެވޭނެ މާބޮޑު ނިޒާމެއް ގާއިމު ކުރެވިފައި ނެތް ކަމަށާއި، އެކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބޭނުމުގައި ޔޫތު އެޑްވައިޒަރީ ބޯޑެއް އެކުލަވާލައި، ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ލެވެލްއެއްގައި ވެސް ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުމާއި ޚިޔާލު ލިބިގެން ދިއުމަކީ ބިނާކުރަނިވި ގޮތެއްގައި، ސަސްޓެއިނަބަލް ގޮތެއްގައި އަދި މީނިންގފުލް ގޮތެއްގައި ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. މިރޭގެ ބައްދަލުވުމުގައި ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ރައީސް ވަނީ ކަނޑައެޅިގެން އަޑުއައްސަވާފައެވެ. ބައެއް ޒުވާނުން ވަނީ ޔޫތު ޕާލިމަންޓް ހުއްޓިފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.

ޒުވާނުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން، ޔޫތު ޕާލިމަންޓް ހުއްޓިފައި އޮތްގޮތް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންގެ ހުރިހާ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު މިރޭ ދެއްވިއެވެ.