ރަސްމާލޭގެ ބިން ހިއްކުމުގެ 30 އިންސައްތަ ނިމިއްޖެ
ރާއްޖޭގައި ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓް ކަމަށްވާ، 100 އިންސައްތަ ނެޓް ޒީރޯ ކާބަން ސްމާޓް އިކޯ ސިޓީ "ރަސްމާލެ" ހިއްކުމުގެ މަސައްކަތުގެ 30 އިންސައްތަ މިހާރު ނިމިފައިވާކަމަށް، މި މަޝްރޫޢުގެ މަސައްކަތް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފި އެވެ.
މި ބިޔަ މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ބޮޑުވަމުންދާ އާބާދީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދޭ މަޝްރޫޢެކެވެ.
އެމްއޭސީއެލް އިން ހާމަކޮށްފައިވާގޮތުގައި، ރަސްމާލޭ ސައިޓް އޭ ގައި ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރު މިހާރު ވަނީ ހިއްކާ ނިމިފަ އެވެ. މިއީ މަޝްރޫޢުގެ ޖުމްލަ 30 އިންސައްތަ ފުރިހަމަވެފައިވާކަން އަންގައިދޭ ޢަދަދެކެވެ. މި ކުރިއެރުމަކީ މި ބޮޑު މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ ކާމިޔާބުކަމާއެކު ކުރިއަށްދާކަމުގެ ހެއްކެކެވެ.
Ads by BMLރަސްމާލޭ ސައިޓް އޭ ގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރުގެ ތެރޭގައި ހިމެނޭ، 46,000 ކިއުބިކް މީޓަރުގެ ޖާގައިގެ 'ކްރިސްޓޯބަލް ކޮލޯން' ބޭނުންކޮށެވެ. މި ބިޔަ ޑްރެޖަރު ހިންގަނީ ބިން ހިއްކުމުގެ ދާއިރާގައި ދުނިޔޭގައި މަޝްހޫރު ޖޭން ޑެ ނަލް ކުންފުނިން ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕަރ ޑްރެޖަރުގެ ތެރޭގައި ހިމެނޭ 'ކްރިސްޓޯބަލް ކޮލޯން' ޑްރެޖަރު ރަސްމާލެ ޕްރޮޖެކްޓްގައި ބޭނުންކުރުމަކީ، މި ބޮޑު މަޝްރޫޢު އަވަސްކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އޭގެ ސަބަބުން، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަސައްކަތް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމާލެވޭނެކަމަށް ބެލެވެ އެވެ. މިއީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.
އެމްއޭސީއެލްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2023 ޑިސެންބަރު 1 ގައެވެ.
ރަސްމާލެއަކީ މާލެ ސަރަޙައްދުގައި އާބާދީ ބޮޑުވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކަރުން އިސްކަންދީގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ތިމާވެއްޓަށް ހެޔޮ ގޮތެއްގައި ތަރައްޤީ ބައްޓަންކުރުމަށް ކުރާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
Ads by MACL
