ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފި
މިމަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި ބޮޑު މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މިމީހުން ހައްޔަރުކުރީ މާލޭގެ 7 އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހުއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިމަހުގެ 23 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަންތަކަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ. މި އޮޕަރޭޝަންތަކުގައި މާލޭގެ 7 އެޕާޓްމަންޓް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
Ads by BMLމި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްބަކާގެ، މާލެ، އަޙްމަދު ޒިޔާން (48އ) އާއި ހ. ބްލޫސްކޫޕް، މާލެ، ޒުހުރާ ޢަބްދުއްލަޠީފް (54އ) އާއި މ. ދޮއްތަޑަފިގެ، މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) އާއި ހ. ހުދުކެލާ، މާލެ، އިސްމާޢީލް ރަޝީދު (53އ) އާއި މ. ރަނިކަ، މާލެ، ޙަސަން ޙަލީމް (42އ) އާއި މ. ރަނިކަ، މާލެ، އާޝިޔާ ޙަލީމް (51އ) އާއި މއ. އައިރީ، މާލެ، ޢަލީ އީވާން (43އ) އާއި އެތުމާގެ، ގދ. ގައްދޫ، ޢާއިޝަތު ނަޘުމާ (44އ) އެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން ބުނި ގޮތުގައި، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، އިސްމާޢީލް އައިކް މުޙައްމަދު 5 ދުވަހަށް އަދި ދެންތިބި 7 މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށްގެންދިއުމަށް މި މުއްދަތުތަކަށް އެމީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ސީރިއަސްކަމަށް ބަލައިގެންނެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.
މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގެ މުޖުތަމަޢަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމުން، މިފަދަ އޮޕަރޭޝަންތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުޑަކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެކެވެ.
ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
Ads by MACL
