ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެކަނިވެރި މައިންނަށް ދޭ މާލީ އެހީ 15،000 ރުފިޔާއާ ހަމައަށް އިތުރުކޮށްފި

އެކަނިވެރި މައިންނަށް ދޭ މާލީ އެހީ 15،000 ރުފިޔާއާ ހަމައަށް އިތުރުކޮށްފި

އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ކޮންމެ މަހަކު ދޭ މާލީ އެހީ 15،000 ރުފިޔާއާ ހަމައަށް ބޮޑުކޮށް، ގަވައިދަށް މިއަދު އިސްލާހު ގެނެސްފިއެވެ.

މި ބަދަލާއެކު އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ބެލެހެއްޓުމުގައި ދިމާވާ މާލީ ދަތިތަކަށް ލުއިކަމެއް ލިބި، އެ ކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަށް އެހީތެރިވެދޭނެއެވެ.

ގަވައިދަށް ގެނައި މި އިސްލާހުގެ ދަށުން، އެކަނިވެރި މައިންނަށާއި ބަފައިންނަށް މަހަކު ގިނަވެގެން 15،000 ރުފިޔާގެ މާލީ އެހީތެރިކަން ލިބޭނެއެވެ. މީގެ ހަ އަހަރު ކުރިން 2019 ވަނަ އަހަރު އޮކްޓޯބަރު މަހު މި އެހީ ވަނީ 3،000 ރުފިޔާއިން 10،000 ރުފިޔާއަށް އިތުރުކޮށްފައެވެ. އެހެންކަމުން މިއަދު އައި ބަދަލަކީ ކުރިން ލިބެމުން ދިޔަ އެހީއަށް 5،000 ރުފިޔާ އިތުރުވުމެކެވެ. މިއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާގެ އެހީއެކެވެ.

އިސްލާހު ގެނައުމުގެ ކުރިން ގަވައިދުގައި އޮންނަ ގޮތުން، އެކަނިވެރި މައިންނަށް ނުވަތަ ބަފައިންނަށް، ކޮންމެ ކުއްޖަކަށް ދައުލަތުން 1،000 ރުފިޔާ ދެއެވެ. އަލަށް ގެނައި އިސްލާހާއެކު، ހަތަރު ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދައުލަތުން ދޭނެއެވެ. މީގެ އިތުރުން، ހަތަރު ކުދިން ފަހުން އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބިދެވޭނެ ކަމަށްވެސް މި ގަވައިދުގައި ބުނެއެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ. އެކަނިވެރި މައިންނަށާއި ބަފައިންނަށް ދޭ އެހީތެރިކަން ބޮޑުކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ހާމަކުރައްވައިފައެވެ. މި އިސްލާހު އައުމާއެކު ރައީސްގެ ވައުދުފުޅެއް ވަނީ ފުއްދިފައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަގީރު ހާލަތުގައި އުޅޭ 2،895 އެކަނިވެރި މައިންނާއި ބަފައިންނަށް މިހާރުވެސް އެހީތެރިކަން ލިބެމުންދެއެވެ. މީގެ އިތުރުން 4،940 ކުޑަކުއްޖަކަށް މާލީ އެހީތެރިކަން ދެމުން ގެންދާކަން އެ ތަފާސްހިސާބުތަކުގައިވެއެވެ. މި އެހީތެރިކަމަށް އެންސްޕާ އިން މަހަކު 4.94 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.