ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ---
ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ---

ޖިނާއީ ބޮޑެތި ތުހުމަތުތަކަކާ އެކު ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. އޭނާ ދޫކޮށްލީ ދައުލަތުން އެދުނު ގޮތަށް، މައްސަލައިގެ މައިގަނޑު ހެކިންގެ ހެކިބަސް ނެގުން ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ، ޝަރުތުތަކަކާ އެކުއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ޝައްމާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ޝަރުތުތަކަކާ އެކު ޝައްމާން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި މިއަދު އެދިފައިވާ ކަމަށެވެ. އެގޮތަށް ދައުލަތުން އެދުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޝައްމާން މިނިވަންކޮށްފައެވެ. ނަމަވެސް، ޝަރީއަތް އަދިވެސް ކުރިއަށްދާތީ، އޭނާ ދޫކޮށްލާފައިވަނީ ޕާސްޕޯޓު ހިފަހައްޓައިގެންނެވެ.

ޝައްމާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައެއްގައި، މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. އޭރުން ފެށިގެން ބަންދުގައި ހުރި ޝައްމާން މީގެ ކުރިން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްދޭން ވެސް އެދިފައެވެ. އަދި ބަންދުގެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ވެސް ގެންދިޔަ ނަމަވެސް، އެ މަރުހަލާތަކުގައި އޭނާއަށް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

ޝައްމާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ. އެއީ، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. މި ތިން ދައުވާގެ ޝަރީއަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝައްމާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ބޮޑު އަދަދަކުން ޖޫރިމަނާކުރުމާއެކު ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.

ޝައްމާންގެ އާއިލާއިން މީގެ ކުރިން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސްއެޅުމުގެ ގޮތުން ކަމަށް ތުހުމަތުކޮށެވެ. އަދި އިހުސާންގެ ”ވީޑިއޯ“އެއް ޝައްމާންގެ އަތުގައި އޮތްކަން އެނގުމުން ބަންދުކުރަން މަސައްކަތްކުރި ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ. ނަމަވެސް، ފުލުހުން އޭރު ބުނީ ޝައްމާން އެ މައްސަލައިގައި ފްރޭމް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.