ދިވެހީންގެ އެއްބައިވަންތަކަމަކީ ޤައުމީ ޙަޔާތުން ފެންނަ އެންމެ އުންމީދީ ސިފަ: ރައީސް މުޢިއްޒު
ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަމަކީ، ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުންމީދީ ސިފަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ހަނދާނުގައި މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޚިތާބުގަ އެވެ.
ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތްތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ޙާލަތްތަކާ ގުޅިގެން ވަޒަންވެރިކަން ބަދަލުކުރާ ޢާއިލާތަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށްދިނުމުގައި ގިނަ އިޖްތިމާޢީ ފައިދާތަކެއް އެކުލެވޭ ކަމަށެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ޤައުމީ ތަރައްޤީގެ ޕްލޭން ރޭވުމާއި، ކުއްލި ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLއެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ބިންގާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައި، ކުރިއެރުމާއި ތަރައްޤީ ހޯދައި އުފާވެރި މާހައުލެއް ބިނާކުރުމަށްޓަކައި އެ ޤައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވާ ކަމަށެވެ. އެމަނިކުފާނުގެ ޚިޠާބު ނިންމަވާލެއްވީ ސުނާމީކާރިސާއަށް ފަހު ދިވެހިން ދިރުވި އެއްބައިވަންތަކަން ހަނދާންކޮށް، އެއްޤައުމެއްގެ ގޮތުގައި ގުޅިގެން ދިރިއުޅުން އާރާސްތުކުރި ހިތްވަރާއި އެކުވެރިކަން ހަނދާންކޮށްދެއްވަމުންނެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވުމާއި، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމާއި، އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ޤައުމު ބިނާކުރުމުގައި އަތުގުޅައިލަން ކަމަށެވެ. ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހީން ކުރިމަތިލި މި ނޫން ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް އަޅުގަނޑުމެންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ދިވެހީން ހިފަހައްޓަމުންދާ މި ރިވެތި ޚުލްޤާއި ސުލޫކުކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހީންނަކީ އުޚުއްވަތްތެރި، އޯގާތެރި، އެކަކު އަނެކަކަށް ވާގިވެރިވާ، ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަބަދުމެ ލައްވައި، އިލާހީ ޙިމާޔަތާއި މަދަދާއި އޯގާވަންތަކަން ރެއާއިދުވާލު ޤައުމުގައި ދެމެހެއްޓުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެން ދާއިރު، މި ކާރިސާގައި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި އޯގާތެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
Ads by MACL
