ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޭ-ޕާކް މައްސަލަ: މަންޑޭއަށް ހުކުމް އިއްވުމަށް ކޯޓަށް ގެންދަންޖެހޭތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ކޭ-ޕާކް ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ހަސަން މަމްދޫހު (މަންޑޭ) ---
ކޭ-ޕާކް ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ހަސަން މަމްދޫހު (މަންޑޭ) ---

ކޭ-ޕާކް ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމުގެ ތުހުމަތުގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު ބާއްވާ ޝަރީޢަތަށް އޭނާ ހާޒިރުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

އޭނާ މިހާރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށާއި މެންދުރު ދޭއް ޖަހަންވާއިރަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މަންޑޭ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ ޝަރީޢަތަށް ހާޒިރުނުވުމާ ގުޅިގެންނެވެ. އެ އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ޝަރީޢަތް ކެންސަލް ކުރުމަށް މަންޑޭގެ ފަރާތުން ކޯޓުގައި އެދިފައިވާ ކަމަށާއި ”މާތް ﷲއަށްޓަކައި ވެސް ޝަރީޢަތް ފަސްކުރަން“ އެދިފައިވާ ކަމަށެވެ. އެހެންނަމަވެސް ޝަރީޢަތް އޮންނާނެކަން ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޯޓަށް ހާޒިރުނުވުމުން، އެހެން މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ ނަދީމް އޭރު ވިދާޅުވިއެވެ. ކޭ-ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. މީގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެ އެވެ.

ކޭ-ޕާކް މައްސަލާގައި ޖައިޝާންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އޮޅުވާލުމުގެ އެއް ދައުވާ ސާބިތުވާ ކަމަށް ގާޒީ ނަދީމް މިދިޔަ ބުރާސްފަތި ދުވަހު ނިންމެވިއެވެ. އެ ދައުވާގައި ޖަލު އަދަބެއް އަންނާނެ ކަމަށް ބެލެވޭތީ، އެ މައްސަލަ ނިމެންދެން ޖައިޝާން ބަންދުކުރަން ވެސް ގާޒީ އަމުރު ކުރެއްވި އެވެ. އެހެންނަމަވެސް ޖައިޝާންގެ މައްޗަށް ކުރި އެހެން ދައުވާތައް ސާބިތު ނުވާކަމަށް ނިންމާފައި ވެއެވެ.

މަންޑޭ ޝަރީޢަތަށް ހާޒިރުނުވުމުގެ ސަބަބުން ހުކުމް އިއްވުން ފަސްކުރަން ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖޫން މަހު ވެސް އޭނާ ކޯޓަށް ހާޒިރުނުވުމުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. މިފަހަރުގެ ބަންދާއެކު އޭނާގެ މައްޗަށް ކުރާ ޝަރީޢަތުގެ ފަރާތުން ކޯޓުގެ އަމުރަށް ތަބާ ނުވުމަށް ފިޔަވަޅު އެޅިފައިވާކަން ހާމަވެއެވެ.