ޕީއެންސީގެ ލޯކަލް ކައުންސިލު ޕްރައިމަރީ: ތާރީޚީ އެންމެ ބޮޑު އެތެރޭގެ އިންތިހާބު
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ރާއްޖޭގެ 45 ސަރަހައްދުގައި އެއްފަހަރާ ވޯޓުލުން ކުރިއަށްދާކަމަށް އެ ޕާޓީން ބުނެފިއެވެ.
މި ޕްރައިމަރީއަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިހާބު ކަމަށް ޕީއެންސީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު މުޙައްމަދު ޝަކީލު ވަނީ ފާހަގަކުރައްވާފައެވެ.
ޕީއެންސީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު އަދި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލު "ކޮންގުރެސްގެ ނިންމުން"ގެ ނަަމުގައި ކުރިއަށްގެންދިޔަ ލައިވް ކަވަރޭޖުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި ޕްރައިމަރީގެ ތެރެއިން ޕާޓީގެ މެންބަރުންނާއި ކެނޑިޑޭޓުންގެ އިތުބާރު ހޯދުމަށް ގިނަ އިންތިޒާމުތަކެއް ވަރަށް ފަސޭހައިން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މި ޕްރައިމަރީއަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ކުރިއަށްގެންދާ އެންމެ ބޮޑު އެތެރޭގެ އިންތިހާބު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLކުރިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން އަމަލުކުރަމުން އައި އުސޫލާ ހިލާފަަށް، ޕީއެންސީގެ އެތެރޭގެ މި އިންތިހާބުގައި ވޯޓުލެވޭ މީހުން ކަނޑައެޅުމުގައި ބަރޯސާވެފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި (އީސީ) އޮތް އެ ޕާޓީގެ ދަފުތަރަށް ކަމަށް ޝަކީލު ވިދާޅުވިއެވެ. މިއީ ޕާޓީގެ އިންތިހާބީ ނިޒާމުގެ ދެފުށްފެންނަ އުސޫލުތައް ކަށަވަރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓު އެކުލަވައިލާ، ޕާޓީގެ ވެބްސައިޓުގައި އާއްމުކޮށްފައިވެއެވެ. ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހު، އެ ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތްކޮށް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އެކުލަވައިލެވުނުކަން ޝަކީލު ފާހަގަކުރެއްވިއެވެ. މިއީ އިންތިހާބުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެޅުނު އިތުރު ފިޔަވަޅެކެވެ.
ޝަކީލު ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި ދެ ތަނެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާނީ އެ ސަރަހައްދެއްގެ ބޭފުޅުންނެވެ. އެއީ ރަށްރަށާއި ސިޓީތަކުގެ ސްޓިއަރިން ކޮމިޓީތަކުގައި މަޝްވަރާކުރެވިގެން އައްޔަންކުރެވުނު އޮފިޝަލުންކަން އޭނާ ފާހަގަކުރެއްވިއެވެ. ކޮންގްރެސް ޕާޓީގެ އެތެރޭގެ ހިންގުން ވަރަށް ބޮޑަށް ލާމަރުކަޒުކުރެވިފައި އޮތުމުން، އިންތިހާބުގެ އިންތިޒާމުތައްވެސް މި އުސޫލުން ހަމަޖެއްސުމުގައި ގިނަ ފަސޭހަތަކެއް ލިބުނުކަމަށް ޝަކީލު އިތުރަށް ވިދާޅުވިއެވެ.
Ads by MACL
