ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފި

މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފި

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި މަކަރާއި ހީލަތް ހެދި މައްސަލާގައި، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތަކުގެ ތެރޭގައި އޮޅުވާލުމުގެ އަމަލެއް ކުރުމާއި ޓެކުމުގެ ދައުވާތަކުގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވެސް ހިމެނެއެވެ.

ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ މައްޗަށް ދައުލަތުން ޖުމުލަ 104 ދައުވާއެއް ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއާއި، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން، މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ. މިއަދު ސާބިތުވި 94 ދައުވާގެ ތެރޭގައި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއާއި، ޓެކުމުގެ 46 ދައުވާއާއި، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއާއި، މަނީ ލޯންޑްރިންގެ ދައުވާ ހިމެނެއެވެ.

ހުކުމް އިއްވަވަމުން މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، މަންޑޭ އެއް އެޕާޓްމެންޓެއް އެކި މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން ފައިސާ އަތުލާފައިވާ ކަމަށެވެ. އަދި ފްލެޓްތައް ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މަންޑޭ ކަމަށާއި، އެއީ އެނގިތިބެ، ގަސްދުގައި ކުރި ކަމެއް ކަމަށް ވެސް ގާޒީ ފާހަގަކުރެއްވި އެވެ. ފައިސާ ނެގުމަށްފަހު އެ ފައިސާ އަމިއްލަ ކަންކަމަށް މަންޑޭ ބޭނުންކޮށްފައިވާ ކަމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.

ގާޒީ ވިދާޅުވީ، ކުށްކޮށްގެން ހޯދި ފައިސާތައް މަންޑޭ އަމިއްލަ ބޭނުމަށް ބޭނުންކޮށް، އެ ފައިސާއިން ހުޅުމާލެއިން ފްލެޓްތަކެއް ވެސް ގަނެފައިވާ ކަމަށެވެ. އެހެންކަމުން، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާތީއާއި، އެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ އެ އެޕާޓްމެންޓް ވެސް ދައުލަތަށް ނެގުމަށް ގާޒީ ނަދީމް އަމުރު ކުރެއްވި އެވެ. ބާކީ ހުރި ދައުވާތަކާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މި މައްސަލާގައި ދެން ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރި އެވެ. ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާ އެވެ. އަދި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާ ވެސް ޖައިޝާންގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. ގާޒީ ވިދާޅުވީ ފްލެޓް ވިއްކުމުގެ އެއްބަސްވުންތަކުގައި ހެކިވެރިއެއްގެ ގޮތުގައި ޖައިޝާން ސޮއިކުރީ އެނގިތިބެ، ގަސްދުގައި ކަމަށެވެ.