ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭގެ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކް ހުޅުވައިފި

މާލޭގެ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކް ހުޅުވައިފި

މާލޭ ސަރަޙައްދުގައި އަލަށް ގާއިމުކުރެވުނު އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކުގެ ޚިދުމަތްތައް ރަސްމީކޮށް ފަށައިފިއެވެ.

މި ކްލިނިކް ހުޅުވުމާއެކު، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓާކުރުމާއި، ވެކްސިން ދިނުން، އަދި ޞިއްޙީ އިރުޝާދު ދިނުން ފަދަ މުހިންމު ޚިދުމަތްތައް މާލޭގެ އާބާދީއަށް ލިބިގެންދާނެއެވެ. މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ ދަށުން އާންމު ޞިއްޙަތު ރަނގަޅުކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

ކުޑަކުދިންގެ ޞިއްޙަތު ކްލިނިކުން ފަސް އަހަރުން ދަށުގެ ކުދިންގެ ހެދިބޮޑުވާ މިންވަރު ދެނެގަތުމަށް ބޭނުންވާ ގްރޯތު މޮނިޓަރިން ހިދުމަތާއި، ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް ބޭނުންވާ އިރުޝާދުތައް ދިނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން އޭއާއި ފަނި ބޭސް ދިނުމުގެ ޚިދުމަތް ވެސް މި ކްލިނިކުން ފޯރުކޮށްދެއެވެ.

ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުމުގެ ޚިދުމަތް ކޮންމެ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 3:30 އަށް ލިބެން ހުންނާނެއެވެ. ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ވެކްސިން ޖަހައިދިނުމުގެ ޚިދުމަތް ދެވޭނެއެވެ. ދަތުރުތައް ކުރައްވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖަހައިދިނުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ހުޅުވުނީ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ. މި މަރުކަޒުގައި މައިގަނޑު ތިން ދާއިރާއެއްގެ ހިދުމަތް ލިބޭއިރު، އޭގެ ތެރޭގައި ޖީޕީ ކްލިނިކްގެ ހިދުމަތްތަކާއި، ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތްތައް ހިމެނެއެވެ. އާންމު ބަލިތަކަށް ފަރުވާ ދިނުމާއި، ޑްރޮޕް ބޮކްސް މެދުވެރިކޮށް ބޭސް ސިޓީ އައުކުރުން ފަދަ ހިދުމަތްތައް ވެސް މި ސެންޓަރުން ލިބެއެވެ.

ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާއުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު ފަސް ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި ތިން ސެންޓަރާއި ހުޅުމާލޭގައި ދެ ސެންޓަރު ތަރައްޤީކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއްކަމަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ޞިއްޙީ ދާއިރާއަށެވެ.