ހުޅުމާލޭ 4،000 ފުލެޓުގެ ހައްގުވެރިންނަށް ޖަނަވަރީގައި ތަޅުދަނޑި ހަވާލުކުރެވޭނެ: މިނިސްޓަރ މުއްތަލިބު
ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެފައިވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންގެ ތެރެއިން 3،879 ފަރާތަކަށް އަންނަ ޖަނަވަރީ މަހު ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު އެ ފަރާތްތަކާއެކު ފުލެޓު ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާއިރު، ފުލެޓު ހަވާލުކުރުން ލަސްވީ ފެނާއި ނަރުދަމާއާއި ކަރަންޓު ގުޅުން އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހިމެނިފައިނުވާތީ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވަނީ ތިން ކޮޓަރީގެ 2،800 ފުލެޓާއި ދެ ކޮޓަރީގެ 1،200 ފުލެޓެވެ. މި 4،000 ފުލެޓުގެ ހައްގުވެރިންގެ ތެރެއިން 399 މީހަކަށް މިހާތަނަށް ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރެވިފައިވާ ކަމަށް ވެސް ޑރ. މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ.
Ads by BMLމި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެ މަޝްރޫއުން ނިމިފައި އޮތީ އެންމެ 32 އިންސައްތަ މަސައްކަތެވެ. ފާއިތުވި ދެ އަހަރު ތެރޭގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން، ބާކީ ހުރި 68 އިންސައްތަ މަސައްކަތް ނިންމުމާއެކު، އެތަންތަނަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅައި، ލޭންޑްސްކޭޕިން މަސައްކަތްތައް ވެސް ވަނީ ނިންމާފައެވެ.
މިއީ ހައުސިން މަޝްރޫއުތައް ހިންގަން ފެށިފަހުން، ކުރީ ސަރުކާރަކުން ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓު ނެރެފައި އޮއްވައި، އެ ލިސްޓަށް ބަދަލެއް ނުގެނެސް، އެއިރު ހައްގުވެރިންގެ ގޮތުގައި ކަނޑައެޅި މީހުންނަށް ފުލެޓު ހަވާލުކުރެވޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ މަޝްރޫއުތަކުގައި ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓަށް ފަހުން އަންނަ ސަރުކާރުތަކުން ބޮޑެތި ބަދަލުތައް ގެނެސްފައިވެއެވެ.
އެގޮތުން، ހިޔާ މަޝްރޫއުގެ 7،000 ފުލެޓުގެ ހައްގުވެރިންގެ ގޮތުގައި ފުރަތަމަ ނެރުނު ލިސްޓުގައި ހިމެނުނު ގިނަ އަދަދެއްގެ ބަޔަކު ފަހުން އެ ލިސްޓުން އުނިކުރިކަން ފާހަގަކޮށްލެވެއެވެ. މިފަދައިން ފުލެޓު ހައްގުވެރިންގެ ލިސްޓުން އުނިކުރުމުގެ ސަބަބުން ފުލެޓު ނުލިބުނު ފަރާތްތަކަށް، މި ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފުލެޓު ދިނުމަށް ހާއްސަ ކެޓަގަރީއެއް މިހާރު ވަނީ ކަނޑައަޅާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ވެސްމެއެވެ.
Ads by MACL
