ވީއައިއޭގެ އައު ޓާމިނަލް އިން އޭރޯފްލޮޓަށް ޚިދުމަތް ދޭން ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ރަޝިއާގެ ޤައުމީ އެއާލައިން، އޭރޯފްލޮޓް އަށް ރަސްމީކޮށް ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ.
މިކަމުގެ ސަބަބުން ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. މިކަން ފާހަގަކުރުމަށް ޓާމިނަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސަރުކާރާއި އެމްއޭސީއެލް އަދި އޭރޯފްލޮޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން އޭރޯފްލޮޓް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޕްރިންސިޕަލް ސެކްރެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، ޙުސެއިން ފަހުމީއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، އިބްރާޙިމް ޝަރީފު މުޙައްމަދާއި އޭރޯފްލޮޓްގެ ފަރާތުން ރާއްޖޭގައި ހުންނަ ޖެނެރަލް މެނޭޖަރު، އެވްގެނީ ރަޓުޝްނީ އާއި ރަޝިއަން ފެޑެރޭޝަނުން ރާއްޖެއަށް ޢައްޔަންކުރައްވާފައި ހުންނަވާ ކޮންސުލް ޖެނެރަލް، އެލެކްސީ އެމް އިޑަމްކިން އާއި އޭރޯފްލޮޓްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLމި ރަސްމިއްޔާތުގެ ތެރެއިން އޭރޯފްލޮޓްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލެވުނުއިރު، އެ އެއާލައިނުން ފުރި 133 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އޭރޯފްލޮޓްގެ ފުރަތަމަ ފްލައިޓް, SU-320 އިން ރާއްޖެއަށް އައި 384 ފަސިންޖަރުންނަށް ވަނީ ދިވެހި ސަޤާފީ ޙަރަކާތްތަކާއެކު، ހޫނު މަރުޙަބާއެއް ކިޔާފައެވެ. މިކަމުގެ ސަބަބުން ފަސިންޖަރުންނަށް ރާއްޖެއަށް އައުމުގެ ފުރަތަމަ ތަޖުރިބާ ވަރަށް ހިތްގައިމުވެގެންދިޔައެވެ.
ރަޝިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އޭރޯފްލޮޓް އިން ރާއްޖެއަށް ދަތުރުތައް ފެށީ 4 އޮގަސްޓް 1994 ގައެވެ. މި އެއާލައިނާއެކު، ޓާމިނަލް 1 އިން މިހާރު ދަނީ ޖުމްލަ 39 އެއާލައިނަކަށް ޚިދުމަތް ދެމުންނެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ސިނާއަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި ޓާމިނަލް 1 އަކީ އެއަރޕޯޓްގެ ޖާގަ ކުޑަވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ގާއިމުކުރި ޓާމިނަލެއް ކަމަށާއި، މި ޓާމިނަލްގެ ސަބަބުން ފަސިންޖަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރުގެ ތަޖުރިބާ ފަސޭހަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
Ads by MACL
