ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗު ދަސްވެނިވި، 364 ޒުވާނުން ގައުމީ ހިދުމަތަށް
ގައުމަށް ހިދުމަތްތެރި، އަހުލާގީ ޒުވާނުންތަކެއް ބިނާކުރުމުގެ މަގްސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތައާރަފްކުރެއްވި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބެޗުގައި ހިމެނޭ 364 ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.
އެމްއެންޑީއެފްގެ މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ނިންމި ދަރިވަރުން ދަސްވެނިވީ މާފިލާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މާފިލާފުށީގައި މިއަދު ބޭއްވުނު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ނެޝަނަލް ސާވިސްގެ ތަމްރީނު ނިންމައި ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި އެ ދަރިވަރުންގެ ހިނގާލުން ވެސް ކުރިއަށް ދިޔައެވެ.
Ads by BMLމިދިޔަ އޮކްޓޯބަރު މަހު ފެށި ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ ޓްރެއިނިން ކުރިއަށް ގެންދިޔަ ގޮތުގެ ރިޕޯޓް ހުށަހަޅުއްވަމުން، މާފިލާފުށީ ނެޝަނަލް ސާވިސް ޓްރެއިނިން ސެންޓަރުގެ ޗީފް އިންސްޓްރަކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ޝަފީއު ވިދާޅުވީ، މި ތަމްރީނުގައި 108 ރަށަކުން 350 ދަރިވަރުން ބައިވެރިވި ކަމަށެވެ. މީގެ ތެރޭގައި 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ހިމެނޭއިރު، އެ ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.
ޝަފީއު އިތުރަށް ވިދާޅުވި ގޮތުގައި، މި ޓްރެއިނިންގައި ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި ލެންގުއެޖް ޕްރޮފިޝެންސީ، ލީޑަޝިޕް، އިސްލާމިކް ސްޓަޑީޒް، ފިޒިކަލް ޓްރެއިނިން، ވޯޓާމޭންޝިޕް ޑްރިލް، ފަސްޓް އެއިޑް، ފަޔަ ފައިޓިން، ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް ފަދަ މުހިންމު މާއްދާތައް ކިޔަވައިދެވުނެވެ. މި މާއްދާތައް ކިޔަވައިދެއްވުމުގައި ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ މިނިސްޓްރީތަކުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޓްރެއިނިންގައި ބައިވެރިވި 350 ދަރިވަރުންގެ ތެރެއިން މިއަދު ދަސްވެނިވީ 346 ދަރިވަރުންނެވެ. ތަމްރީނު ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ވެސް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސަނަދެއް ދިންއިރު، ކަނޑައެޅި ވަކި މިންގަނޑެއް ހާސިލުކުރި ދަރިވަރުންނަށް ސެޓިފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް ދިނެވެ. ޝަފީއު ވިދާޅުވި ގޮތުގައި، މި ސެޓްފިކެޓް ހާސިލުކުރީ ބައިވެރިވި ދަރިވަރުންގެ 96 އިންސައްތަ އެވެ.
ނެޝަނަލް ސާވިސް އިފްތިތާހުކުރަން މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ޒުވާނުން ބިނާކުރުމަށް ފެށި ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި، ރާއްޖޭގެ ތަރައްގީ ފުރިހަމަކުރެވޭނީ ޒުވާނުން ބިނާކޮށްގެން ކަމަށް ވާތީ މި ހިދުމަތް ތައާރަފްކުރަން ނިންމެވީ ކަމަށެވެ. އެމަނިކުފާނު ވަނީ މި ތަމްރީނަކީ ވަރަށް މުހިންމު އަދި ލިބުނު ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ދަރިވަރުން ގަބޫލުކުރަން އެދިވަޑައިގެންފައެވެ.
ގައުމާއި އިސްލާމްދީން ދެކެ ލޯބިވާ ޒުވާނަކު ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށް ވުރެ ވެސް މާ މުހިއްމު ކަމެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. އެހެންކަމުން، ނެޝަނަލް ސާވިސް ޕްރޮގްރާމަކީ ވަރަށް ތާރީހީ މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި ތަމްރީނު ނިމި ދެވަނަ ފިޔަވައްސަށް ދާއިރުގައި، ބައިވެރިވި ޒުވާނުން ގައުމަށް ހިދުމަތްކުރެވޭނެ، އަމިއްލަ ހަޔާތް ވަރުގަދަކުރެވޭނެ ބަޔަކަށް ވެގެންދާނެ ކަމަށް ރައީސް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
Ads by MACL
